ކުޅިވަރު

ނިއުރޭޑިއެންޓަށް ސްޕެއިންގެ ފޯވާޑަކާއި ޖަޕާންގެ މިޑްފީލްޑަރެއް


ނިއުރޭޑިއެންޓަށް ސްޕެއިންގެ ފޯވާޑަކާއި ޖަޕާންގެ މިޑްފީލްޑަރެއް ގެންނަން ނިންމައިފިއެވެ. ނިމިގެންދިޔަ ސީޒަންގައި ފިލިޕީންސް ލީގުގައި މޮޅު ކުޅުމެއް ދެއްކި ސްޕެއިންގެ އެޑްރިއަން ގަލާޑޯ ވަލްޑޭޒް ވަނީ އޭނާ ކުޅުނު ސެރެސް ކްލަބަށް 30 ގޯލް މިދިޔަ ސީޒަންގައި ޖަހާފައެވެ.

 މިދިޔަ ދެ ސީޒަންގެ ރަންބޫޓް ހޯދި އެޑްރިއަން ނިއުރޭޑިއެންޓާ ގުޅުނު އަގެއް ހަމާއެއް ނުކުރެއެވެ. ނިމިގެންދިޔަ ސީޒަންގައި އޭއެފްސީ ކަޕްގައިވެސް މޮޅު ކުޅުމެއް ދެއްކި އެޑްރިއަން އަކީ އޭއެފްސީ ކަޕްގައިވެސް މިދިޔަ ސީޒަންގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. 

މިއަހަރުގެ ސީޒަނަށް ޓީމު ވަރުގަދަ ކުރަމުން އަންނަ ނިއުރޭޑިއެންޓަށް ގެންނަން ނިންމި ޖަޕާންގެ މިޑްފީލްޑަރަކީ މިޔަންމާ ލީގުގައި ކުޅުނު ކުޅުންތެރިއެކެވެ. ޖަޕާންގެ އޮގާވާ ކެއުސޫކޭ އަކީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށް ނިއުރޭޑިއެންޓުން ބުނެއެވެ. ނިއުރޭޑިއެންޓުން ބުނީ މިއަދު ދެކުޅުންތެރިންވެސް ޓީމާ ގުޅޭނެ ކަމަށާއި ނަމަވެސް ކްލަބްގެ ކޮންޓްރެކްޓްގައި ކުޅުންތެރިން ސޮއިކުރާނީ މާލޭގައި ހަދާ މެޑިކަލް ޓެސްޓުން ފާސްވުމުން ކަމަށްވެސް އެކްލަބުން ބުނެއެވެ. 

ނިއުރޭޑިއެންޓް ވަރުގަދަ ކުރުމަށް އެކްލަބްގެ އާބޯޑުން ގެނައި ރާއްޖޭގެ ކުޅުންތެރިންގެ ތެރޭގައި ކީޕަރ އިމްރާން، ފޯވާޑް ފާސިރު، ޑިފެންޑަރ އަކްރަމް އަދި އަހުމަދު އަބްދުﷲ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު ފޯވާޑް އަލީ އަޝްފާގުވެސް ވަރަށް އަވަހަށް އެކްލަބަށް ގުޅޭނެ ކަމަށް މަޢުލޫމާތުލިބެއެވެ.