ޚަބަރު

އޭޑީކޭ ހޮސްޕިޓަލް ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓް ކުރަނީ


އޭ.ޑީ.ކޭ ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތަކަކީ ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަން ބޯޑަކުން އެކްރެޑިޓްކޮށްފައިވާ ޚިދުމަތްތަކަކަށް ހެދުމަށްޓަކާ، އިންޑިއާގެ ނޭޝެނަލް އެކްރެޑިޓޭޝަން ބޯޑް ފޯރ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއަރ ޕްރޮވައިޑާޒް، އެން.އޭ.ބީ.އެޗްއާއެކު އެ ހޮސްޕިޓަލުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އޭ.ޑީ.ކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ، އެ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެގޮތުން މި އަހަރު ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިއްމު މަސައްކަތަކީ ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަން ބޯޑެއްގެ ސެޓްފިކެޓް ލިބިފައިވާ ތަނަކަށް އެ ހޮސްޕިޓަލް ހެދުންކަމަށެވެ. އަދި ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު އަމިއްލައަށް ގިންތިކުރުމުގެ ބަދަލުގައި، ބޭރުގެ ތަޖުރިބާކާރު ފަރާތްތެއް މެދުވެރިކޮށްގެން އެ މަސައްކަތް ކުރުމުން، އެ ހޮސްޕިޓަލާމެދު އާއްމުންގެ އިތުބާރުބޮޑުވެ، ދެމުން އަންނަ ޚިދުމަތްތައް ބަލައިގަންނަ ނިސްބަތް އިތުރުވެގެންދާނެކަމަށް އައްފާލް ވިދާޅުވިއެވެ.

"އެކްރެޑިޓޭޝަން ނިޒާމެއް ހޮސްޕިޓަލްތަކުގެ ތެރެއަކު ނެތް. އެފަދަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިނގަމުންދާކަން އަޅުގަނޑުމެންނަށް އަބަދުހެން އަޑު އިވޭ. ބައިނަލްއަޤްވާމީ މިފަދަ ނިޒާމެއްގެ ތެރެއިން އަޅުގަނޑުމެންގެ ހޮސްޕިޓަލް އެކްރެޑިޓްކުރުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް މި ހޮސްޕިޓަލާމެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެކަމެއް. އަދި އެމީހުންގެ ކޮންފިޑެންސް ރާއްޖޭގެ ޞިއްޚީ ނިޒާމަށް ލިބިގެންދާނެ ކަމެއް. އެން.އޭ.ބީ.އެޗްގެ އެކްރެޑިޓޭޝަން ޕްރޮސެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަދޭ" އަައްފާލް ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/9042.jpg|އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އައްފާލް- ފޮޓޯ: ޕީއެސްއެމް

އައްފާލް ވިދާޅުވީ، އޭ.ޑީ.ކޭ ހޮސްޕިޓަލް އެކްރެޑިޓް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މުހިއްމު އެސެސްމަންޓްތަކެއް ހެދުމަށްޓަކާ، އެން.އޭ.ބީ.އެޗްގެ ޓީމަކުން މި ހަފްތާތެރޭގައި އެ ހޮސްޕިޓަލަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ޒިޔާރަތުގައި އެން.އޭ.ބީ.އެޗްގެ ޓީމުގެ ފަރާތުން ޚާއްސަ ތަމްރީން ކްލާސްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އައްފާލް ވިދާޅުވީ، ކުރިއަށްއޮތް 3 މަސް ދުވަހުގެ ތެރޭގައި، އެން.އޭ.ބީ.އެޗްގެ އެކްރެޑިޓޭޝަން ސެޓްފިކެޓް ލިބިފައިވާ ރާއްޖޭގެ ފުރަތަމަ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލް ވެގެންދާނެކަމަށެވެ.

"މިމަހުގެ ތެރޭގައި މިކަމަށް ބޭނުންވާ ތަމްރީންތަކަށް އެން.އޭ.ބީ.އެޗްގެ އޮފިޝަލުން ރާއްޖެއަށް ޒިޔާރާތްކުރާނެ. އަޅުގަނޑުމެން އުއްމީދު މި ކުރަނީ ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި އޭ.ޑީ.ކޭ ހޮސްޕިޓަލަކީ ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަނެއްގެވެސް ބައިވެރިވެ، އެކްރެޑިޓްކުރެވި، އެކްރެޑިޓޭޝަން ފާސްލިބިފައިވާ ހޮސްޕިޓަލަކަށް ހެދުން" އައްފާލް ވިދާޅުވިއެވެ. 

އޭ.ޑީ.ކޭ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ތަޢާރަފްކުރުމަށް އެ ހޮސްޕިޓަލުން މިހާރުވެސް ގެންދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، 3 އޮޕަރޭޝަން ތިއޭޓަރ ހިމެނޭހެން އަލަށް ޢިމާރާތްކުރާ ތިއޭޓަރ ކޮމްޕްލެކްސްއާއި، 80 އެނދުގެ ޕްރައިވެޓް ވޯޑުތަކުގެ އާ އިމާރާތާއި، އަލަށް ހެދުމަށް ހަމަޖެހިފައިވާ 10 ބުރީގެ އެކަމަޑޭޝަން ބިލްޑިންގގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.