ޚަބަރު

އޭބީޔޫ ފެސްޓިވަލުގައި ބައިވެރިވާ ޓީމާ ސަފީރު ބައްދަލުކުރައްވައިފި


އިންޑިޔާގެ ހައިދަރު އާބާދުގައި ބާއްވާ، އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫ އިންޓަރނޭޝަނަލް ޑާންސިންގ ފެސްޓިވަލުގައި މިއަހަރު ރާއްޖެ ތަމްސީލްކުރާ ދިވެހި ޓީމާއި އިންޑިޔާގެ އެމްބެސެޑަރ އަކިލޭޝް މިސްރާ ބައްދަލުކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީގައި މިއަދު ހަވީރު ބޭއްވި މި ބައްދަލުވުމުގައި ޕީއެސްއެމްގެ އިސްވެރިންނާއި އިންޑިއަން ކަލްޗަރަލް ސެންޓަރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އިންޑިޔާ އެމްބެސެޑަރ އަކިލޭޝް މިޝްރާ ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމުދުގައިވާ ޒަމާންވީ ޤުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ރާއްޖޭގެ ފަންނާނުންގެ ހުނަރުވެރިކަން ފާހަގަކުރައްވާ އެ ފަންނާނުންގެ ހުނަރު އިތުރަށް ތަރައްޤީކުރެއްވުމުގައި އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14840610118272.jpg|އޭބީޔޫ ޑަންސިންގ ފެސްޓިވަލުގައި ބައިވެރިވާ ދިވެހި ޓީމްއާ އިންޑިއާ ސަފީރު ބައްދަލުކުރެއްވުން

ރާއްޖޭގެ ފަންނާނުންގެ ހުނަރުތައް އެކި ފަންނުތަކުން ކުރިއެރުވުމުގައި ރާއްޖެއާއި އިންޑިއާ ގުޅިގެން މަސައްކަތް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރައްވާ އެކަމުގައި އަމިއްލަ އިސްނެންގެވުމާއި އެކު މަސައްކަތްކޮށްދެއްވާނެކަމަށް އަކިލޭޝް މިޝްރާ ވިދާޅުވިއެވެ.

އޭބީޔޫ ޑާންސިންގ ފެސްޓިވަލުގައި ރާއްޖޭގެ 6 ފަންނާނަކު ބައިވެރިވާނެއެވެ. މި ބައިވެރިންގެ ހުށަހެޅުންތައް އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭބީޔޫ ފެސްޓިވަލުގައި ފަންނާނުން ބައިވެރިވަނީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ފަރާތުންނެވެ.

އޭބީޔޫ ޑާންސިންގ ފެސްޓިވަލުގައި ދުނިޔޭގެ އެކި ޤައުމުތަކުން ފަންނާނުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި އިންޑިޔާ މޮންގޯލިއާ، އަފްޣާނިސްތާން، އިންޑޮނޭޝިޔާ، ފިލިޕީންސް އަދި މެލޭޝިޔާ ހިމެނެއެވެ.