ޚަބަރު

އެމްއާރްޑީސީއަށް 80 އަށްވުރެ ގިނަ އައު ވެހިކަލް ގެނެސްފި


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގަވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގައި މުހިއްމު ހިއްސާއެއް އަދާކުރަމުން އަންނަ އެއް ކުންފުންޏަކީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.އާރް.ޑީ.ސީއެވެ. އެކުންފުނިން އަންނަނީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ މުހިއްމު ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. 2010 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ އެމް.އާރް.ޑީ.ސީއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އެކަށީގެންވާ މިންވަރަށް ވެހިކަލްތަކާއި މެޝިނަރީޒް ނެތުމުގެ މައްސަލައެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން، މިކަމަށް އަވަސް ހައްލެއް ގެންނެވުމުގެ ގޮތުން، އެމް.އާރު.ޑީ.ސީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް އިތުރު ވެހިކަލްތަކާއި، މެޝިނަރީ ހޯދުމުގެ ބިޔަ މަޝްރޫޢެއް އެކުންފުނިން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ.  

މި މަޝްރޫޢުގެ ދަށުން، ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް 88 ވެހިކަލް ރާއްޖެގެނެސް، އެމް.އާރް.ޑީ.ސީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައް އެކުންފުނިން މިހާރު އަންނަނީ ވަމުންނެވެ. އެކުންފުނިން އަލަށް ގެނައި ވެހިކަލްތަކުގެ ތެރޭގައި، އެކި ސައިޒްތަކުގެ ޕިކަޕްތަކާއި ފޯރކް ލިފްޓްތަކާއި، ރޯލަރ ކޮމްޕެކްޓަރ ފަދަ ވެހިކަލްތައް ހިމެނެއެވެ. 

img:http://s2.psmnews.mv/images/660x400/14840594906765.jpg|އެމްއާރްޑީސީގެ މަސައްކަތްތަކަށް އަލަށް ގެނައި ވެހިކަލްތައް / ފޮޓޯ: ޕީއެސްއެމް

އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، އެކުންފުނިން ފަށާފައިވާ 8 މިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫޢުގެ ދަށުން، ތަފާތު ބޭނުންތަކަށް ޖުމްލަ 129 ވެހިކަލް ރާއްޖެ ގެނެއުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ ތެރެއިން ބޮޑުބައެއް މިހާރު ރާއްޖެ ގެނެސްފައިވާކަން ފާހަގަކުރައްވަމުން އިބްރާހީމް ޢަބްދުއްރައްޒާޤް ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ އަންނަމަހުގެ ނިޔަލަށް މި ހުރިހާ ވެހިކަލްތަކެއް ރާއްޖެގެނެސް ކުންފުނީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފެށުންކަމަށެވެ.

"މީގެ ތެރެއިން ބައެއް ވެހިކަލްތައް މިހާރު ބައެއް ރަށްރަށަށް އަޅުގަނޑުމެން ވާނީ ފޮނުވާފައި. ބައެއް އެއްޗެހި ރާއްޖެގެނެވި، ކަސްޓަމްސްއިން ކްލިއަރކުރުމުގެ މަރުހަލާގައިވެސް ވެއްޖެ. އަދި މި މަހުގެ ތެރޭގައިވެސް އިތުރު ޝިޕްމަންޓެއް ރާއްޖެ އަންނާނެ. އަދި ފެބްރުއަރީމަހުގެ ތެރޭގައި ވެހިކަލްތަކުގެ އެންމެ ފަހު ޝިޕްމަންޓް އަންނާނެ" އިބްރާހީމް ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ. 

އިބްރާހީމް ޢަބްދުއްރައްޒާޤް ވިދާޅުވީ، އެކުންފުނިން މީގެ ކުރިން ބޭނުންކުރަމުން އައި ވެހިކަލްތަކުގެ ތެރޭގައި ގިނައީ ދުވަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާ ވެހިކަލްތައްކަމަށެވެ. އަދި އެކަމުގެ ސަބަބުން، ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބި، އަތޮޅުތަކުގައި ހިންގާ މަޝްރޫޢުތައް ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ވިދާޅުވިއެވެ. ނަމަވެސް އަލަށް މި ގެނައި ވެހިކަލްތަކާއެކު ކުންފުނީގެ ކުރިމަގާމެދު ކުރެވޭ އުއްމީދު ވަރަށް ފޮނިކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14840595472829.jpg|އެމްއާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްރައްޒާޤު ހަލީމް ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަނީ / ފޮޓޯ: ޕީއެސްއެމް

"އަޅުގަނޑުމެންގެ ކުންފުނި އުފެދުނު ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް ބޭނުންކުރަމުން މިއައީ ވަރަށް ދުވަސްވެފައި ހުރި ވެހިކަލްތަކެއް. މިހާރުވެސް ގާތްގަނޑަކަށް 25 ވެހިކަލް އޮތީ ގްރައުންޑް ވެފައި. ކުރީގެ ވެހިކަލްތަކެއްވީމަ، އެތަކެއްޗަށް ބޭނުންވާ ސްޕެއަރތައް ހޯދުމާއި، މަރާމާތުކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ. އެކަމުގެ ހައްލެއްގެ ގޮތުން ސަރުކާރުން އަޅުގަނޑުމެންނަށް ފަހިކޮށްދެއްވި މަގެއް މި ފުރުޞަތަކީ. މިއާއެކު އަޅުގަނޑުމެންގެ މުޅި ފްލީޓް އެއްކޮށްހެން އާވެގެން މިދިޔައީ" އިބްރާހީމް ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ. 

އެމް.އާރ.ޑީ.ސީއިން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 އަށްވުރެ ގިނަ މަޝްރޫޢު ހިންގަމުންނެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު މަޝްރޫޢުތަކެއް ފެށުމަށް އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.