ޚަބަރު

ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި ނަޝީދަށް ދަޢުވާކުރަނީ




ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލް ޤައްޔޫމް ރައްޔިތުން މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރަކަށް ހުންނެވިއިރު އެމަނިކުފާނު ހައްޔަރުކުރެއްވި މައްސަލާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދަޢުވާ ކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިސާމް ވިދާޅުވީ އެމައްސަލާގައި ދައުވާކުރުމާއި މެދު ވަކިގޮތެއް އަދި ނިންމަވާފައިނުވާކަމަށެވެ. އަދި އެމައްސަލާގައި ސާފުކުރަންޖެހޭ އިޖުރާޢީ ބައެއް ކަންކަން ހުރުމުން އެކަންކަން ފުރިހަމަކުރުމަށް ފުލުހުންނާއި އެކު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ބިސާމް ވިދާޅުވިއެވެ.

މުލަކު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރުކަމުގައި އަބްދުﷲ ޔާމީން ހުންނަވަނިކޮށް 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެރޭ މެންދަމު ސިފައިން މެދުވެރިކޮށް ހައްޔަރުކުރައްވާފައިވަނީ ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައެވެ. 

ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމީން ހައްޔަރުކޮށް އެމަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް އާރަށުގައި ނުވަދުވަސް ވަންދެން ބަހައްޓަވާފައިވެއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިޢުނާފު ކުރުމުން އެމަނިކުފާނު ދޫކޮށްލަން ކޯޓުން އަމުރު ކުރެއްވިއެވެ. އެ އަމުރާއި އެކު ފުލުހުން ރައީސް ޔާމީން ދޫކޮށްލެއްވި ނަމަވެސް ސިފައިން މެދުވެރިކޮށް ދެވަނަ ފަހަރަށް ރައީސް ޔާމީން ހައްޔަރުކުރެއްވިއެވެ.

ރައީސް ޔާމީން ހައްޔަރުކުރެއްވި މައްސަލާގައި ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި އަމީން ފައިސަލްގެ މައްޗަށްވެސް ދައުލަތުން ދައުވާ އުފުލައި، އެ މައްސަލައިގެ ޝަރީއަތްތައް ވަނީ ފަށާފައެވެ. މި މައްސަލާގައި އަޑުއެހުންތައް ފައްޓަވާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.