ވިޔަފާރި

ސޮފްޓް ޓޯއީސް ފެކްޓްރީ ތަރައްޤީކުރުމަށް ބިމެއް ދެއްވައިފި


ސޮފްޓް ޓޯއީސްއާއި ދިވެހި އުފެއްދުންތައް ތައްޔާރުކުރުމަށް ބޭނުންވާ ފެކްޓްރީއެއްގެ އިތުރުން، ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އޮފީސް ޖާގަ ލިބޭނެ އިމާރާތެއް ތަރައްޤީކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއް ދެއްވައިފިއެވެ.

ހުޅުމާލެ ސިނާޢީ ސަރަހައްދުން ދެއްވާފައިވާ 5،000 އަކަފޫޓުގެ މި ބިމުގައި 6 ބުރީގެ ޢިމާރާތެއް ހެއްދެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޢިމާރާތުގައި ކުދި ވިޔަފާރި އާއި މެދު ފަންތީގެ ވިޔަފާރިއާއި ގުޅުންހުރި ސިނާޢީ ތަފާތު މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

އެސްއެމްއީ އިންޑަސްޓްރިއަލް ޕާކުގެ ނަމުގައި ހައްދަވާ މި ޢިމާރާތުގައި ކުދި ވިޔަފާރިތަކަށް އިންކިއުބޭޓަރ ނިޒާމެއް ޤާއިމްކުރުމާއި، ކުދި ވިޔަފާރިތަކަށް ބޭނުންވާ އޮފީސް ޖާގަ ދިނުމާއި، އެސްއެމްއީތަކަށް ތަފާތު އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ ޖާގަ ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

އެސްއެމްއީއަށް ޚާއްސަ ބިލްޑިންގަށް ހުޅުމާލެއިން ބިން ހަމަޖައްސަވާ އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު މުޙައްމަދު ސަޢީދު އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ އެސްއެމްއީ ބިލްޑިންގްގައި 5 ބާވަތެއްގެ ދިވެހި އުފެއްދުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެއީ ކޮން 5 ބާވަތެއްކަން ކަނޑައެޅުއްވުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ޢިމާރާތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމުން އެތަނުގައި ސޮފްޓް ޓޯއީސް އުފެއްދުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ތެރޭ އެސްއެމްއީ ބިލްޑިންގް ޢިމާރާތް ކުރުމުގެ މަސައްކަތް ނިންމަވާ އެތަނުން ތަކެތި އުފެއްދުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. ޢިމާރާތަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ މިފަދަ ތަނެއް ތަރައްޤީ ކުރެވިގެން ދިޔުމުން ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށާއި، ވަޒީފާގެ ގިނަ ފުރުސަތުތައް އުފެދިގެންދާނެ ކަމަށެވެ.

އެސްއެމްއީ ބިލްޑިންގައި ތަރައްޤީކުރާ ފެކްޓަރީގެ އުފެއްދުންތައް އެންމެ ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރާއްޖޭގެ ބާޒާރަށެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދެވުމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.