ކުޅިވަރު

ވަރލްޑްކަޕްގައި 48 ޤައުމު ވާދަކުރާ ގޮތަށް ނިންމައިފި


 ވަރލްޑްކަޕްގައި 48  ޤައުމު ވާދަކުރާ ގޮތަށް ފީފާއިން ނިންމައިފި. ދުނިޔޭގެ ފުޓްބޯޅައާއި ބެހޭ މައި އިދާރާ ކަމަށްވާ ފީފާގެ ރައީސް ޖިއާނީ އިންފަންތީނޯ ވެވެޑައިގެންފައިވާ ވަޢުދާ އެއްގޮތައް 2026 ވަނަ އަހަރުން ފެށިގެން ވަރލްޑްކަޕްގައި ވާދަކުރާ ޤައުމުތައް 48ށް އިތުރު ކުރަން ނިންމީ މިއަދު ޒިޔުރިކްގައި  ބޭއްވެވި އެ އިދާރާގެ ބައްދަލްވުމުގައެވެ.

 އިންފަންތީނޯ ވިދާޅުވީ މި ބަދަލާއެކު ދުނިޔޭގެ ގިނަ ޤައުމުތަކަކަށް އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެއް ޤައުމުގައި މިމުބާރާތް ބޭއްވުމުގެ ބަދަލުގައި ގިނަ ޤައުމުތަކަކަށް މިފުރުސަތު ލިބިގެންދާނެ ކަމަށް އިންފަންތީނޯ ވިދާޅުވިއެވެ. 48 ޤައުމު 16 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށްވެސް ފީފާއިން މިއަދު ވަނީ ނިންމާފައެވެ.

1930ވަނަ އަހަރު އެންމެ ފުރަތަމަ ވަރލްޑްކަޕް ފަށާފައިވަނީ 13 ޤައުމާއެކުއެވެ. އެއަށްފަހު މިހާރު އޮތް ފޯމެޓަށް 32 ޤައުމަށް ފީފާއިން ބަދަލު ގެނައީ 1998ވަނަ އަހަރުގެ ވަރލްޑްކަޕަށެވެ. 

ފީފާގެ ރިސަރޗް ކޮމެޓީއިން ބުނާ ގޮތުން ގިނަ ޤައުމުތަކަކަށް ވަރލްޑްކަޕްގައި ބައިވެރިވެވޭ ގޮތް ހެދުމުން ލިބޭ އާމްދަނީ އެތައް ގޮތަކުން އިތުރުވާނެއެވެ. ނަމަވެސް ފުޓްބޯޅައިގެ ތަޖުރިބާކާރުން ދަނީ ފީފާގެ މި ނިންމުމަށް ފާޑުކިޔަމުންނެވެ. އެފަރާތްތަކުން ޤަބޫލް ކުރާގޮތުގައި ގިނަ ޤައުމުތަކަކަށް ވަރލްޑްކަޕްގައި ވާދަކުރެވޭ ފޯމެޓަށް ބަދަލުގެނައުމުން މުބާރާތުގެ ފޯރިގެއްލި ފެންވަރު ދަށްވާނެއެވެ.