ޚަބަރު

އިތުރު އެއަރލައިންތައް ރާއްޖެ ގެނައުމަށް ދަނީ މަސައްކަތްކުރަމުން


މިއަހަރުގެ ތެރޭގައި އިތުރު އެއަރލައިންތައް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމް.އޭސީއެލްއިން ބުނެފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެމް.އޭ.ސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ މިހާރުވެސް 3 އެއަރލައިނަކާއިއެކު މިކަމާގުޅޭ މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށެވެ. img:http://s3.psmnews.mv/images/660x400/14840404689272.jpg|އެމް.އޭ.ސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ - ފޮޓޯ: ޕީއެސްއެމް

ވެލާނާ އިންޓަރނޭޝަން އެއަރޕޯޓަކީ ބޭރުގެ ގިނަ ޤައުމުތަކުގެ އެއަރލައިންތަކަށް ޚިދުމަތްދެމުންދާ އެއަރޕޯޓެކެވެ. މިހާރު ދަތުރު ކުރަމުންގެންދާ އެއަރލައިންގެ އިތުރުން، އިތުރު އެއަރލައިންތައް ރާއްޖެ ގެނައުމަށްޓަކައި އެމް.އޭ.ސީއެލްއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ގެންދަނީ އިތުރު އެއަރލައިން ގެނައުމަށްޓަކައި އެއަރލައިންތަކާއިއެކު ވާހަކަ ދައްކަމުންނެވެ. މި އެއާރ ލައިންގެ ތެރޭގައި ޔޫރަޕާއި އިންޑިޔާއާއި ޗައިނާގެ އެއަރލައިންތައް ހިމެނެއެވެ.

"މިއަހަރު ތެރޭގައި އިތުރު 3 ނުވަތަ 4 ފްލައިޓެއް އައު ފްލައިޓްތަކެއް އެއަރޕޯޓަށް އޮޕަރޭޓް ކުރުމުގެ އުންމީދުގައި މަސައްކަތް ކުރަނީ. މިހާރުވެސް 3 ފަރާތަކާ ދަނީ މަޝްވަރާ ކުރަމުން. އިންޑިޔާގެ ދެ ސިޓީއަކުން ޑައިރެކްޓް ފްލައިޓްތައް އޮޕަރޭޓް ކުރުމަށްޓަކައި ރިކްއެސްޓްކޮށްފައިވާނީ" އާދިލް މޫސާ ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ އިންޑިޔާގެ ފްލައިޓްތަކުގެ އޮޕަރޭޝަންތައް މިއަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ޔޫރަޕްގެ ފްލައިޓްތަކުގެ އޮޕަރޭޝަންތައް އޮކްޓޫބަރ ނުވަތަ ނޮވެމްބަރ ހިސާބުގައި ފެށޭވަރު ވާނެކަމަށެވެ.

މިދިޔަ އަހަރުވެސް ވަނީ ރިކޯޑް ޢަދަދަކަށް އެއަރލައިންތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައެވެ.