ޚަބަރު

ރިޔަލު އުޅަނދެއް ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ނެރުއްވަނީ


ތެޔޮ ޚަރަދުކުޑަވާގޮތަށް އިންޖީނާ ރިޔާ ބޭނުންކޮށްގެން ކަނޑުގެ ސަރަހައްދު ބަލަހައްޓާނެ އުޅަނދެއް ތައްޔާރުކުރައްވައި ސިފައިންގެ މަސައްކަތުގައި ބޭނުންކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

އެމްއެންޑީއެފުން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ރިޔަލުދޯނި ދުއްވުމާއި ފަލި ޖެހުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ މި މުބާރާތުގެ ސަބަބުން ދިވެހި ސިފައިންގެ ސިފަވަންތަކަން އިތުރަށް ހަރުދަނާވެ މުހިންމު ހުނަރުތަކެއް ދަސްވެގެންދިޔަކަމަށެވެ.

ތޮޔޮ ޚަރަދުކުޑަކުރެވޭ ގޮތަށް ރިޔާ ބޭނުންކޮށްގެން ކަނޑުގެ ސަރަހައްދު ބަލަހައްޓާނެ އުޅަނދެއް ތައްޔާރުކޮށް ސިފައިންގެ މަސައްކަތުގައި ބޭނުންކުރުމުގެ އިންތިޒާމް ހަމަޖެއްސެވުމަށް ވިސްނަވަމުންގެންދަވާ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި ސިފައިންގެ ތަމްރީނުތަކުގެ ބައެއްގެ ގޮތުގައި ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ ހުނަރުތައް ދަސްކޮށްދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14839793529372.jpg|ރިޔަލު ދޯނި ދުއްވުމާއި ފަލި ޖެހުމުގެ މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ރިޔަލު ދޯނި ދުއްވުމާއި ފަލި ޖެހުމުގެ މުބާރާތުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމުގައި ކާބަފައިން ކުރައްވާފައިވާ ބުރަ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ސިފައިންނަށް އިހުސާސްކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޚިޔާލަށް ގެންނަވާ ބޮޑުތަކުރުފާނު ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި ކުރެއްވި ވަރުގަދަ ޖިހާދު ކުރެއްވެވީ އަދި މިކަހަލަ ކަތި ރިޔަލެއްގައެއް ނޫން. ފަންރިޔަލުގަ. އެހެންނަމަވެސް ރެއާއި ދުވާލު ކަނޑުމަތީގައި އުޅުއްވިއިރު ވެވަޑައިގެންފައިވާ ޤުރުބާނީގެ ކުޑަ މިންވަރެއް ހަމަ ޔަޤީނުންވެސް މިއަދު މިކުރި މަސައްކަތުން ތިޔަ ބޭފުޅުންނަށް އިޙްސާސްކުރުމުގެ ފުރުޞަތު އޮންނާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިއަދު މި އެނގޭ އެއްޗަކީ އޭރު ތިއްބެވި ބޭކަލުން ހަމަ ދިވެހިރާއްޖޭގެ ޖިއޮގްރަފީއާއި، ރާއްޖޭގެ ޙާލަތަށާއި ރާއްޖެއިން އޭރު ލިބެން ހުރި މަޢުލޫމާތެއް ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ވުރެ މާ ނުބައްދަލު ޤައުމުތައް ފައްސާ ބޭރުކޮށްލީ ހަމައެކަނި ބުންވަރު ބޭނުންކޮށްގެން ނޫންކަން." ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14839793245319.jpg|ރިޔަލު ދޯނި ދުއްވުމާއި ފަލި ޖެހުމުގެ މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ދިވެހި ސިފައިންނަކީ ޤައުމާއި ދީނަށް ވަފާތެރިކަމާއި އެކު ޤައުމީ ޚިދުމަތް އަދާކުރައްވަމުން ގެންދަވާ ބައެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖެއަށް ދިމާވި ކާރިސާތަކާއި މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމުގައި ވެސް ސިފައިން ކުރައްވާފައިވަނީ ނަމޫނާ މަސައްކަތްތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ދިވެހި ސިފައިންނަކީ އަބަދުވެސް ސިފައިންގެ ފުރިހަމަ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުމުގައި އިސްލާމްދީނުގެ ފުރިހަމަކަމާއި ސާބިތުކަން މަތީގަ މާތްވެގެންވާ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގަ ދިވެހިންގެ އާދަކާދަ އާއި ޘަޤާފަތާ އަދި ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގައި ވަރަށް ފުރިހަމަ ނަމޫނާތަކެއް އަބަދުވެސް ދައްކަވަމުން ގެންދަވާ ބޭފުޅުން" މިނިސްޓަރ ވިދާޅުވިއެވެ. 

އެމްއެންޑީއެފުން ބޭއްވި ފަލިޖެހުމުގެ މުބާރާތުން އެއްވަނަ ހޯދާފައިވަނީ ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ޓީމެވެ. ރިޔަލު ދޯނި ދުއްވުން ނުވަތަ ސޮކިޖެހުމުން އެއްވަނަ ހޯދާފައިވަނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް އެސްޕީޖީގެ ޓީމެވެ. މިމުބާރާތުގައި އެމްއެންޑީއެފްގެ އެކި ޔުނިޓްތަކުން 21 ޓީމު ބައިވެރިވިއެވެ. މީގެ ތެރޭގައި އަންހެން ޓީމެއްވެސް ހިމެނެއެެވެ. މިމުބާރާތުގެ ބައިވެރިން ރިޔަލު ދޯންޏާއި ސޮކި ދޯނިތަކުގައި 400 މީޓަރަށް ދަތުރުކޮށްފައިވެއެވެ.