ޚަބަރު

ގެއްލިގެން އުޅޭ ލަންކާ ބޯޓެއް ހޯދުމަށް ރާއްޖެއިން އެހީތެރިވަނީ


މަސްވެރިކަމަށް ނުކުމެ އުޅުނު ސްރީލަންކާގެ މަސްބޯޓެއްގެ ޚަބަރެއް ނުވެގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެޤައުމުން އެދިއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ވިދާޅުވީ، ކޯސްޓްގާޑުގެ އެހީތެރިކަމަށް ސްރީލަންކާއިން އެދިފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ސްރީލަންކާއިން މަސްވެރިކަމަށް ނުކުމެ އުޅުނު ބޯޓެއްގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގައި އެހީތެރިވެދިނުމަށް އެދިކަމަށެވެ. އެއީ 32 ފޫޓުގެ އޮރެންޖް ކުލައިގެ މަސްބޯޓެއްކަމަށާއި އެބޯޓު މަސްވެރިކަމަށް ނުކުތްއިރު 4 މީހުން އޭގައި ތިބިކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިދުސްވަރު މޫސުން ހުރި ގޮތުން މިބޯޓު ރާއްޖޭގެ ސަރަހައްދަށް އަތުވެދާނެ ކަމަށް ލަފާކުރެވޭތީ، މިބޯޓާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑަށް ގުޅުމަށް އެދޭކަމަށެވެ.

ލަންކާގެ މަސްބޯޓެއްގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު ހާލުގައި ޖެހިފައި އޮތްވާ ފެނުނު ލަންކާގެ ދެ މަސްވެރިއެއް ވަނީ މިދިޔަ ބުދަދުވަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ސަލާމަތްކޮށްފައެވެ. މި ދެ މީހުން "ކަނޑުު ރޯދި" ނަމަކަށް ކިޔާ ދޯންޏަކަށް ފެނުނީ މިދިޔަ ބުދަދުވަހުގެ ހަވީރުގެ ވަގުތެއްގައި ހއ. ތުރާކުނުން 30 މޭލު ބޭރުން 25 ފޫޓުގެ މަސް ބޯޓެއްގައި އޮޔާ ދަނިކޮށެވެ.