ޚަބަރު

ތަރިކައިގެ ލިސްޓުގައި 6 މިސްކިތެއްގެ ނަން ހިމެނުމުގެ މަސައްކަތް


ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ރާއްޖޭގެ 6 މިސްކިތް، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުއްވުމަށް މަސައްކަތް ކުރެއްވުމަށްޓަކައި ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން މަސައްކަތު ބައްދަލުވުމެއް ފަށްޓަވައިފިއެވެ.

ސެންޓްރަލް ހޮޓެލްގައި ފެށްޓެވި މިބައްދަލުވުމަކީ "އިންޓަރނޭޝަނަލް އެކްސްޕަރޓް ވަރކްޝޮޕް އޮފް ދަ ކޮރަލް ސްޓޯން މޮސްކްސް އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި ކުރިއަށްގެންދަވާ ބައްދަލުވުމެކެވެ.

6 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދަވާ މިބައްދަލުވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ ދުނިޔޭގެ ތާރީޚާއި، އެކި ޒަމާންތަކުގައި މީހުން ދިރިއުޅުނު ގޮތް މިއަދުގެ ޖީލަށް އަންގައިދެވޭނީ ރާއްޖޭގައި ޢިމާރާތްކޮށްފައިވާ އާސާރީ ބިނާތަކުން ކަމަށާއި، އެހެންކަމުން މިބިނާތައް ޙިމާޔަތްކުރުމަކީ، ތާރީޚަށްޓަކައި މުހިއްމު މަސައްކަތެއް ކަމަށެވެ.

މިބައްދަލުވުމުގައި ހއ. އިހަވަންދޫ އާޘާރީ މިސްކިތާއި، ރ މީދޫ މިސްކިތާއި، އދ ފެންފުށީ އާޘާރީ މިސްކިތުގެ އިތުރުން ލ އިސްދޫ އާޘާރީ މިސްކިތަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެރިޓޭޖް ޑިފާޓްމަންޓުން ވިދާޅުވެއެވެ. ޔުނެސްކޯގެ ވާރލްޑް ހެރިޓޭޖް ލިސްޓްގައި ހިމެނުމަށް  މަސައްކަތްކުރަމުންދާ 6 މިސްކިތަކީ، ހއ އިހަވަންދޫ އާޘާރީ މިސްކިތާއި، ރ މީދޫ މިސްކިތާއި، އދ ފެންފުށީ އާޘާރީ މިސްކިތާއި، ލ އިސްދޫ އާޘާރީ މިސްކިތާއި، މާލޭގައި ހުރި އީދު މިސްކިތާއި، މިހާރުވެސް ޔުނެސްކޯ ވާރލްޑް ހެރިޓޭޖުގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ މާލޭ ހުކުރު މިސްކިތެވެ.