ކުޅިވަރު

"ދި ބެސްޓް ފީފާ ފުޓްބޯލް އެވޯޑް" ހަފްލާ މިރޭ


ފީފާއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑް ފީފާ ބެސްޓް އެވޯޑް ހަފްލާ މިރޭ އޮންނާނެއެވެ. 

" ދި ބެސްޓް ފީފާ ފުޓްބޯލް އެވޯޑް" ހަފްލާ މިރޭ ސްވިޒަލެންޑްގައި ބާއްވާއިރު އަހަރުގެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރަނީ ރޮނާލްޑޯ، މެސީ އަދި ގްރީޒްމަންއެވެ. މި ތިން ކުޅުންތެރިންނަކީވެސް ސްޕެނިޝް ލީގުގައި ކުޅެމުން އަންނަ ތިން ކުޅުންތެރިންނެވެ. 

ފްރާންސްގެ ފުޓްބޯޅަ މެގަޒިންއާ ގުޅިގެން މީގެ ކުރިން ފިފާއިންދެމުން އައި ފީފާ ބެލޮންޑޯ އެވޯޑާ ފީފާއިން ވަކިވެ އަމިއްލައަށް ދޭން ފަށާ މިއެވޯޑް މިއަހަރު ހޯދާނެ ކަމަށް ބެލެވެނީ ޕޯޗްގަލްއާއެކު 2016ވަނަ އަހަރުގެ ޔޫރޯ ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯވަނީ ނިމިގެންދިޔަ ސީޒަންގައި ރެއާލްމެޑްރިޑާއެކު ޗެމްޕިއަންސް ލީގުވެސް ހޯދާފައެވެ. މެސީއަށް ބަލާއިރު ސްޕެނިޝް ލީގު އަދި ކޮޕަޑެލްރޭ ބާސެލޯނާއާއެކު ވަނީ ހޯދާފައެވެ. ނަމަވެސް އާޖެންޓީނާއާއެކު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް މެސީއަށް ވަނީ ނާކާމިޔާބުވެފައެވެ. އެވޯޑަށް ވާދަކުރާ ގްރީޒްމަން މިދިޔަ ސީޒަން ނިންމާލީ ޗެމްޕިއަންސް ލީގު އަދި ޔޫރޯ ފުޓްބޯޅަ މުބާރާތުގައިވެސް ދެވަނަ ހޯދައިގެންނެވެ. މިއެވޯޑް ލިބޭ ކުޅުންތެރިއަކު ފީފާއިން ކަނޑައަޅަނީ ޤައުމީ ޓީމްތަކުގެ ކެޕްޓަނުންނާ ކޯޗުން އަދި ނޫސްވެރިންގެ ވޯޓުންނެވެ. 

 އަހަރުގެ މޮޅު ކޯޗަށް ދޭ އެވޯޑަށް ވާދަކުރަނީ ލެސްޓަރއަށް ފުރަތަމަ ފަހަރަށް ލީގު ހޯދަދިން ކޯޗް ކްލައުޑިއޯ ރަނިއޭރީ، ޕޯޗްގަލްއަށް ފުރަތަމަ ފަހަރަށް ޔޫރޯ ހޯދަދިން ކޯޗް ފެރްނާންދޯ ސަންތޯސް އަދި ޗެމްޕިއަންސް ލީގު ރެއާލްމެޑްރިޑަށް ހޯދަދިން ކޯޗް ޒައިނުއްދީން ޒިދާންއެވެ. މީގެ އިތުރުން މިރޭ ދޭ އެވޯޑް ތަކުގެ ތެރޭގައި އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ އެވޯޑް، އެންމެ ރީތި ގޯލް ޖަހާ ކުޅުންތެރިއަކަށް ދޭ ފީފާ ޕުސްކަސް އެވޯޑް އަދި އެންމެ ރަނގަޅު ސަޕޯޓެއް ދީފައިވާ ސަޕޯޓަރުންނަށް ދޭ އެވޯޑްވެސް މިހަފްލާގައި ދޭނެއެވެ. ދި ބެސްޓް ފީފާ ފުޓްބޯލް އެވޯޑް ހަފްލާ ފަށާނީ ރާއްޖެ ގަޑިން މިރޭ 22:30ގައެވެ.