ދުނިޔެ

އީރާނުގެ ކުރީގެ ރައީސް އަވަހާރަވެއްޖެ


އީރާނުގެ ކުރީގެ ރައީސް އަކްބަރު ހާޝީމީ ރަފްސަންޖާނީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި އަވަހާރަ ވެއްޖެއެވެ.އީރާނުގެ ޤައުމީ ޓީވީން ބުނާ ގޮތުގައި ރަފްސަންޖާނީ އަވަހާރަވެފައި ވަނީ ވެރިރަށް ތެހްރާނުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނިކޮށެވެ. ރަފްސަންޖާނީ ފާހަގަވެފައި ވަނީ 1979 ވަނަ އަހަރު އީރާނަށް ގެނެވުނު އިސްލާމީ އިންޤިލާބުގެ މައި ތަނބުގެ ގޮތުގައެވެ. 1989 ވަނަ އަހަރުން 1997 ވަނަ އަހަރާ ހަމައަށް އީރާނުގެ ރައީސްކަން ކުރެއްވި ރަފްސަންޖާނީ އަވަހާރަވިއިރު އެމަނިކުފާނު ގެންދެވީ އީރާނުގެ މުހިއްމު މަޤާމުތަކެއް ފުރުއްވަމުންނެވެ. އެގޮތުން، އީރާނުގެ މުހިއްމު ނިންމުންތައް ނިންމާ މަޖިލިސްތަކުގައި ރަފްސަންޖާނީ ވަނީ ނުފޫޒުގަދަ ދަޢުރެއް އަދާކުރައްވާފައެވެ.މީގެ އިތުރުން، އީރާނުގެ ރޫހާނީ ލީޑަރު ހޮވުމަށް އެކުލަވާލާފައިވާ މަޖިލިހުގައި ވެސް ރަފްސަންޖާނީ ހިމެނިވަޑައިގަންނަވައެވެ. ރަފްސަންޖާނީ ގެންގުޅުއްވި ބައެއް މުހިއްމު ސިޔާސަތުތަކުގެ ތެރޭގައި ހުޅަނގާއެކު ގާތްގުޅުމެއް ބޭއްވުމާ، އީރާނުގެ މުޢައްސަސާތައް ބާރުވެރި ކުރުން ފާހަގަކޮށްލެވެއެވެ. ރަފްސަންޖާނީ އަވާހަރަވެފައި ވަނީ އެމަނިކުފާނުގެ އުމުރުފުޅުން 82 އަހަރުފުޅުގައެވެ.