ވިޔަފާރި

މިއަދުންފެށިގެން ޑޮލަރު ދޫކުރާނީ އެއަރޕޯޓުން


މިއަދުން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބީއެމްއެލުން ދަތުރުވެރިންނަށް ޑޮލަރު ދޫކުރަން ފަށައިފިއެވެ.

ބީއެމްއެލްއިން ދަތުރުވެރިންނަށް ޑޮލަރު ވިއްކަން ފެށި ނަމަވެސް މިއަދާއި މާދަމާ ފުރާ ދިވެހިންނަށް މަރުކަޒީ ބޭންކުން ޑޮލަރު ވިއްކަވަމުން ގެންދަވާނޭކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދެވޭނެ އާ ނިޒާމެއް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ތަޢާރަފްކޮށްފައެވެ. އެގޮތުން މިހާރު އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު، ފުރުމަށް އެއަރޕޯޓަށް ގޮސް ޑޮލަރު ދޫކުރުމަށް ޚާއްސަކޮށްފައިވާ ކައުންޓަރުތަކުން ޑޮލަރު ލިބޭނެ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

ކޮންމެ ދަތުރުވެރިއަކަށް ގިނަވެގެން ފައިސާ ދެއްކޭނީ 500 ޑޮލަރާ ހަމައަށް ކަމަށާއި އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށް އެބޭންކުން ހާމަކުރެއެވެ. އަދި ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއަރޕޯޓަކުން ދަތުރުކުރާ ނަމަ، އެ އެއަރޕޯޓާ އެންމެ ކައިރި ބްރާންޗަކަށް ދިއުމުން ޑޮލަރު ލިބޭނެ އިންތިޒާމުހަމަޖެހިފައިވާ ކަމަށްވެސް އެ ބޭންކުން ހާމަކުރެއެވެ.

ބީއެމްއެލުން ބުނީ ޑޮލަރު ގަތުމަށް އަލަށް ތައާރަފް ކުރެވުނު ނިޒާމުގެ އެކި މަރުހަލާތަކުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތު އެބޭންކްގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ވިއްކަމުންގެންދިޔަ އުސޫލު ބަދަލުކުރައްވައި، މަރުކަޒީ ބޭންކުން ދަތުރުވެރިންނަށް ޑޮލަރު ވިއްކަވަން ފަށްޓަވާފައިވަނީ، ހުސްވިއަހަރުގެ ނޮވެމްބަރުމަހުގެ ވިހިވަނަ ދުވަހުއެވެ. މަރުކަޒީ ބޭންކުން ދަތުރުވެރިންނަށް ޑޮލަރު ވިއްކަވަން ނިންމެވީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ލިބުމުގައި އޭރު އޮތް ދަތިކަމަށް ހައްލެއް ގެންނެވުމުގެ ގޮތުންނެވެ.