ކުޅިވަރު

ފީފާ އެވޯޑަށް ރޮނާލްޑޯއަށް ވޯޓް ނުދެނީ ކޮންބައެއްކަން އިނގޭތަ؟


ފީފާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޮވަނީ ފީފާގެ ހުރިހާ ގައުމެއްގެ ކޯޗުންނާއި ކެޕްޓަނުންގެ ވޯޓާއި، ހޮވާލެވޭ ނޫސްވެރިންގެ ވޯޓުންނެވެ. މިފަހަރުގެ އެވޯޑް ރޮނާލްޑޯއަށް ލިބުނީ 34.5 އިންސައްތަ ވޯޓުންނެވެ. ރޮނާލްޑޯއާއި އެންމެ ގާތުން ވާދަކުރި މެސީއަށް 26.4 އިންސައްތަ ލިބުނުއިރު، ތިންވަނައަށްދިޔަ ގްރީޒްމަންއަށް ލިބުނީ 7.53 އިންސައްތައެވެ.

އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ރޮނާލްޑޯއަށް މި ފަހަރު ވޯޓް ނުދެނީ ކޮން ގައުމުތަކަކުން ކަން އިނގޭ ހެއްޔެވެ؟ 

ރޮނާލްޑޯއަށް ވޯޓު ނުދޭ ކެޕްޓަނުންނަށް ބަލާލާއިރު، 24 ގައުމެއްގެ ކެޕްޓަނުންގެ ގަދަ ތިނެއްގައި ރޮނާލްޑޯ ނުހިމެނެއެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ކެޕްޓަން މެސީއާއި، ޖަރުމަނާއި ކެޕްޓަން މެނުއަލް ނޯޔާ އަދި ބްރެޒިލްގެ ކެޕްޓަން އަލްވޭސް ހިމެނެއެވެ. މީގެ އިތުރުން ވޭލްސް، ތުރުކީ ޖަޕާން، މެކްސިކޯ އުރުގުއޭ ފަދަ ގައުމުތަކުގެ ކެޕްޓަނުންގެ ވޯޓުވެސް ރޮނާލްޑޯއަށް މި ފަހަރު ނުލިބުނެވެ. 

33 ގައުމެއްގެ ގައުމީ ޓީމް ކޯޗުންގެ ގަދަ ތިނެއްގައި ރޮނާލްޑޯއަށް ފުރުސަތެއް ނުލިބުނުއިރު، މިފަހަރުވެސް އާޖެންޓީނާ، ޖަރުމަން އަދި ވޭލްސް ފާހަގަކޮށްލެވެއެވެ. އާޖެންޓީނާގެ ކޯޗްގެ ގަދަ ތިނެއްގައި ހިމެނެނީ މެސީ އަގުއޭރޯ އަދި ގްރީޒްމަންއެވެ. ޖަރުމަން ކޯޗްގެ ގަދަ ތިނެއްގައި ހިމެނެނީ އެ ގައުމުގެ ތިން ކުޅުންތެރިންކަމަށްވާ ކްރޫސް، އޮޒިލް އަދި ނޯޔާއެވެ. އަދި ޔޫރޯގައި ޕޯޗުގަލް އަތުން ސެމީ ފައިނަލުން ބަލިވި ވޭލްސްގެ ކޯޗްގެ ގަދަ ތިނެއްގައި ހިމެނެނީ ބޭލް، ސަންޗޭޒް އަދި ޖެމީ ވާޑީއެވެ.

ކޯޗުންގެ ވޯޓަށް ބަލާއިރު، އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ޗިލީގެ ކޯޗް ހުއާން އެންޓޯނިއޯ ޕިޒީގެ ވޯޓެވެ. އޭނާގެ އެއްވަނަ އެ ގައުމުގެ އެލްކްސިސް ސަންޗޭޒަށް ދިންއިރު، ދެވަނަ އަދި ތިންވަނަ ކުޅުންތެރިއެއް އޭނާ ލިސްޓުގައި ނުހިމަނައެވެ. މިގޮތަށް ކަންތައްކުރި ހަމައެކަނި ކޯޗަކީ އޭނާކަން ފާހަގަކޮށްލެވެއެވެ.

އަހަރުގެ އެންމެ މޮޅު ކޯޗަށް ޝޯޓް ލިސްޓްކުރި ދިހަ ކޯޗުންގެ ތެރެއިން، އެންމެ ވޯޓެއްވެސް ޕްރިމިއަރ ލީގުގެ ދެ ކޯޗުންކަމަށްވާ ޚޯސޭ މޮރީނިއޯ އަދި އާސެން ވެންގާއަށް ނުލިބެއެވެ. ޕްރިމިއަރ ލީގުގެ ޓޮޓެންހަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯއަށްވަނީ ކެންޔާގެ ކެޕްޓަންގެ ވޯޓް ލިބިފައެވެ.

ކުޅުންތެރިންނަށް ދީފައިވާ ވޯޓްތަކަށް ބަލާލާއިރު، ޕައުލް ޕޮގްބާއަށް އެއްވަނަ އެންމެ ގައުމަކުން ދިންއިރު، އަގުއެރޯއަށްވެސް އެއްވަނަ އެއް ގައުމުންވަނީ ދީފައެވެ. އަދި މީގެ އިތުރުން އިންގްލެންޑް ކޯޗް ގެރެތް ސައުތްގޭޓްގެ ލިސްޓުން ރޮނާލްޑޯ އަދި މެސީއާއިއެކު ފްރާންސްގެ މިޑްފިލްޑަރ އެންގޯލޯ ކާންޓޭއަށް ލިބުނުކަންވެސް ފާހަގަކޮށްލެވެއެވެ.

މަޝްހޫރު ކެޕްޓަނުންގެ ވޯޓްތަކަށް ބަލާއިރު، މެސީ އޭނާގެ ވޯޓްދިނީ ސުއަރޭޒް، ނޭމާ އަދި އިނިއެސްތާއަށެވެ. ރޮނާލްޑޯ ވޯޓްދިނީ ބޭލް، މޮޑްރިޗް އަދި ސާޖިއޯ ރާމޯސްއަށެވެ. އިންގްލެންޑް ކެޕްޓަން ވޭން ރޫނީގެ ވޯޓް އޭނާ ރޮނާލްޑޯ، ސުއަރޭޒް އަދި ޖެމީ ވާޑީއަށް ދިންއިރު، ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް ވޯޓްދިނީ ރޮނާލްޑޯ، މެސީ އަދި އިނިއެސްތާއަށެވެ. ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް ގްރީޒްމަން މެސީ އަދި ރޮނާލްޑޯއަށް ވޯޓް ދިންއިރު، އިޓަލީގެ ކެޕްޓަން ބުފޮންގެ ވޯޓް އޭނާ ދިނީ މެސީ ބޭލް އަދި ރޮނާލްޑޯއަށެވެ.

ޤައުމީ ކެޕްޓަން އަލީ އަޝްފާޤުގެ ނަޒަރުގައި އެންމެ މޮޅު ކުޅުންތެރިއަކީ ރޮނަލްޑޯއެވެ. ނަމަވެސް ޤައުމީ ކޯޗު ޑަރެން ސްޓެވާޓްގެ ހޮވުމަކީ ބޭލްއެވެ.