ތަޢުލީމު

78000 ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއްޖެ


img:http://s4.psmnews.mv/images/660x400/14838568681693.jpg|ހިންމަފުށީ ސްކޫލް- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ ދިރާސީ އައު އަހަރަށް ދަރިވަރުން ކުރިމަތިލާއިރު، ކިޔެވުމަށް ބޭނުންވާ ހުރިހާކަމެއް ހަމަޖެހިފައިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ތަޢުލީމީ ދާއިރާއިން ރާއްޖެ ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރަމުންނެވެ. މިސަރަހައްދުގެ ޤައުމުތަކަށް ބަލާލާއިރުވެސް ރާއްޖެމިވަނީ ތަޢުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މިއަހަރުގެ ދިރާސީ އާ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހަތްދިހަ އަށް ހާހަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރާނެއެވެ. އަދި މި ދަރިވަރުންނަށް ކިޔަވައިދެއްވުމަށް 7700 ޓީޗަރުން މިއަހަރު ހަރަކާތްތެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމަތުދެއްވައެވެ. ނިސްބަތުން ބަލާއިރު މިއީ ކޮންމެ 10 ދަރިވަރަކަށް 1 ޓީޗަރެކެވެ.

img:http://s3.psmnews.mv/images/660x400/14838567639274.jpg|ހުޅުމާލޭ ރެހެންދި ސްކޫލް- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގައި 217 ސްކޫލެއްގައި މިއަހަރުވެސް ތަޢުލީމް ދެއްވާއިރު، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުން ދަނީ ސްކޫލްތަކުގެ ޖާގަ އިތުރު ކުރެއްވުމާއި، އިތުރު ސްކޫލްތައް ބިނާ ކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ދަރިވަރުން ސްކޫލަށް އައު އަހަރުގެ ފުރަތަމަ ދުވަހު ހާޟިރުވާއިރު، ސްކޫލްތަކަކީ ދަރިވަރުންނަށް ކިޔަވަން އެކަށޭނެ މާހައުލަކަށް ހެއްދެވުމަށް، ސްކޫލްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި، ޒީނާތްތެރިކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލް ބަންދުވުމާއެކު ފައްޓަވައި އެ މަސައްކަތް ވަނީ ނިންމަވާލައްވާފައެވެ.

މާލޭގައި 17 ސްކޫލެއްގައި ކިޔައިދެއްވުމުގެ ކަންތައްތައް ކުރިޔަށްދާއިރު، އަތޮޅުތެރޭގައި 200 ސްކޫލެއްގައި ކިޔަވައިދެއްވުމުގެ ކަންތައްތައް ކުރިޔަށްދާނެއެވެ. މީގެ އިތުރުން އާބާދީ މަދު ސްކޫލްތަކަށް އަމާޒުކުރައްވައިގެން މިއަހަރުގެ ތެރޭގައި 17 ރަށެއްގައި މަލްޓިގްރޭޑް އުސޫލުން ކިޔަވައިދެއްވަން ފައްޓަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިފެށޭ ދިރާސީ އައު އަހަރު ސްކޫލްތަކުގައި ކިޔަވައިދެއްވާ ގޮތަށް ބަލާއިރު، ޕްރީސްކޫލުން ފެށިގެން ގްރޭޑް ދިހައަކާ ހަމައަށް 150 ސްކޫލެއްގައި ކިޔަވައިދެއްވާނެއެވެ. އަދި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 31 ސްކޫލެއްގައި ކިޔަވައިދެއްވާނެއެވެ. ގްރެޑް 8 ން 12 އަށް 35 ސްކޫލެއްގައި ކިޔަވައިދެއްވާއިރު، މަތީ ސަނަވީގައި ހިމެނޭ ގްރޭޑް 11 އަދި 12 ކިޔަވައި ދެއްވާނީ އެންމެ 2 ސްކޫލަކުންނެވެ. މީގެ އިތުރުން ޕްރީސްކޫލުން ފެށިގެން ގްރެޑް 6 ކާ ހަމައަށް 6 ސްކޫލެއްގައި ކިޔަވައިދެއްވާނެ. އަދި ގްރޭޑް އެކަކުން 10 ށް އަށް ސްކޫލެއްގައި ކިޔަވައިދެއްވަމުން ގެންދަވާނެއެވެ.

img:http://s3.psmnews.mv/images/660x400/14838568287893.jpg|ކިނބިދޫ ސްކޫލް- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދިރާސީ އައު އަހަރު ފެށޭއިރު ރާއްޖެއިން މިވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް، ދުނިޔޭގެ ހުރިހާ ޤައުމަކުން ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ، ފަށާތަޢުލީމު ފެށުމުގެ ކުރިން 1 އަހަރުގެ ޕްރީސްކޫލް ތަޢުލީމް ތުއްތުކުދިނަށް ހިލޭ ފޯރުކޮށްދިނުުމުގެ ލަނޑުދަނޑި ހާސިލްކުރައްވާފައެވެ. ސަރުކާރުން ހިލޭ ޕްރީސްކޫލް ތައުލީމް ފޯރުކޮށްދިނުމަށް ނިންމުމާއެކު، މި ކުޑަކުޑަ ދިވެހިރާއްޖެއިން މިވަނީ ކުރިޔަށްއޮތް 15 އަހަރުގެ ޕްލޭން ފެށުމުގެ ކުރިން، 1 އަހަރެއް ނޫން 2 އަހަރުގެ ޕްރީސްކޫލްގެ ފުރުޞަތު ތުއްތުކުދިންނަށް ކަށަވަރުކޮށްދީފައެވެ. އެހެންކަމުން ރާއްޖެ މިވަނީ ދުނިޔޭގެ ތަޢުލީމުގެ އެޖެންޑާގައި ކަނޑައެޅިފައިވާ ހިލޭ ޕްރީސްކޫލު ތަޢުލީމު ކަށަވަރު ކުރި، މި ސަރަޙައްދުގެ ފުރަތަމަ ޤައުމަށްވެފައެވެ.

img:http://s4.psmnews.mv/images/660x400/14838568681693.jpg|ހިންމަފުށީ ސްކޫލް- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ފަށާ ތަޢުލީމާ، ޘާނަވީ ތަޢުލީމު އަދި މަތީ ޘާނަވީގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިވާ ފަދައިން، ޕްރީސްކޫލުގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ކްލާސްތަކަކީވެސް ސަރުކާރުން ހިލޭ ދޭ ރަސްމީ ތަޢުލީމުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު ވަނީ ހަމަޖައްސަވާދެއްވާފައެވެ. މިއާއެކު 2017 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު، އެޑިޔުކޭޝަން މިނިސްޓްރީގެ ސީދާ ބެއްލެވުމުގެ ދަށުން ރާއްޖޭގެ ސަރުކާރު ސްކޫލްތަކާއި ކަނޑައެޅޭ ވަކި ސްކޫލްތަކެއްގައި ހިލޭ ޕްރީ ސްކޫލް ތަޢުލީމު ދެއްވަމުން ގެންދަވާނެއެވެ. ޕްރީ ސްކޫލް ތަޢުލީމު އެންމެ ފުރަތަމަ ސަރުކާރުން ދެއްވަން ފައްޓަވާފައިވަނީ މިދިޔަ އަހަރު ސިޓީތައް ފިޔަވައި ހުރިހާ ރަށެއްގައެވެ. އަދި މިއަހަރުގެ ދިރާސީ އަހަރާއެކު މާލެ ސިޓީ އަދި އައްޑޫ ސިޓީގެ ސަރުކާރު ސްކޫލްތަކުގައި ހިލޭ ޕްރީސްކޫލް ތައުލީމް ފޯރުކޮށްދެއްވުމުގެ މަސައްކަތް ފައްޓަވާނެއެވެ.

ދިރާސީ އައު އަހަރު ސްކޫލް ހުޅުވޭއިރު، ސްކޫލްތަކުގައި ކިޔަވައިދެއްވާނެ ޓީޗަރުން މިހާރު ވަނީ ހަމަޖެހިފައެވެ. އަދި އެއްވެސް ސްކޫލެއްގައި އެއްވެސް މާއްދާއަކަށް ކިޔަވައިދެއްވާނެ ޓީޗަރެއް ހަމަނުޖެހި ނުހުންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ކުރިން ސްކޫލްތައް ހުޅުވޭއިރު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓީޗަރުން ހަމަ ނުވުމުގެ މައްސަލައެވެ. ނަމަވެސް މިކަމަށް ހައްލެއް ހޯއްދެވުމަށް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި މަސައްކަތް ފައްޓަވައި، ޓީޗަރުން ވަނީ ހަމަކުރައްވާފައެވެ. މިއީ އެހެން އަހަރުތަކާ ޚިލާފަށް، ހާސިލްކުރެވުނު ވަރަށްބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ސިފަކުރައްވައެވެ.

img:http://s3.psmnews.mv/images/660x400/14838570963161.jpg|ދިރާސީ އާ އަހަރަށް މަރުޙަބާކިއުންް- ފޮޓޯ: އެޑިއުކޭޝަން މިނސިްޓްރީ

ދިރާސީ އައު އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި، ކިޔެވުން ޖަނަވަރީ 8 ވަނަ ދުވަހު ފެށޭއިރު، މިޑް ޓާމް ހޮލިޑޭއަށް ސްކޫލްތައް ބަންދު ކުރާނީ 19 މާޗުން 23 މާޗަށެވެ. 23 މާޗުގައި މިޑް ޓާމް  ބަންދަށްފަހު ހުޅުވޭއިރު، އޭލެވެލް އިމްތިޙާނު 1 މެއިގައި ފެށޭނެއެވެ. އެހެނިހެން ގްރޭޑްތަކުގެ ފުރަތަމަ ޓާމް ޓެސްޓް މެއި މަހުގެ 14 ން 31 ށް ކުރިޔަށްދާނެއެވެ.

ފުރަތަމަ ޓާމުގެ ޓެސްޓަސްފަހު ފުރަތަމަ ޓާމުގެ ބަންދު ވާނީ ޖޫން 11ން 15 އަށެވެ. އެއަށްފަހު 18 ޖޫންގައި ދެވަނަ ޓަމްގެ ކިޔެވުން ފެށޭއިރު، 15 ން 30 އޮގަސްޓަށް ގްރޭޑް 10 އަދި ގްރޭޑް 12 ގެ ދެވަނަ ޓާމުގެ އިމްތިޙާނުތައް ފެށިގެންދާނެއެވެ. އަދި ސެޕްޓެމްބަރު މަހުގެ 3 އިން 7 އަށް ދެވަނަ ޓާމުގެ މިޑް ޓަރމް ހޮލިޑޭ ފެށިގެންދާނެއެވެ. މިއަހަރު ޖީސީ އޯލެވެސް ފެށޭނީ އޮކްޓޯބަރު މަހުގައެވެ. އަދި 25 އޮޓޯބަރުން 23 ނޮވެމްބަރަށް ދެވަނަ ޓަރމުގެ އިމްތިހާނުތައް ކުރިޔަށްދާނެއެވެ. 23 ނޮވެމްބަރުގައި ދެވަނަ ޓާމް ނިމޭއިރު، 26 ނޮވެމްބަރުން ފެށިގެން 11 ޖަނަވަރީ 2018 އަކީ އަހަރުގެ އަންނަ ބޮޑު ބަންދެވެ.

2018 ވަނަ އަހަރު ޓީޗަރުން ސްކޫލަށް ރިޕޯޓް ކުރަންޖެހޭނީީ 9 ޖަނަވަރީގައެވެ. އަދި 2018 ވަނަ އަހަރު ދިރާސީ އައު އަހަރު ފެށޭނީ 14 ޖަނަވަރީ 2018 ގައެވެ.