ތަޢުލީމު

ދިރާސީ އައު އަހަރަށް އައްޑޫ ސިޓީ ތައްޔާރު


އައްޑޫސިޓީގެ ހުރިހާ ސްކޫލްތަކަކުންވެސް ދިރާސީ އައު އަހަރަށް ވަރަށް ދުރާލާ ތައްޔާރުވެފައިވާކަން ޕީ.އެސް.އެމް ނިއުސް ޓީމަށް ފާހަގަކުރެވުނެވެ. އައްޑޫސިޓީގައި ހުރި އެންމެ ބޮޑު ސްކޫލްކަމުގައިވާ ޝަރަފުއްދީން ސްކޫލުން މިއަހަރުވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދިރާސީ އަހަރު ފެށުމުގެ ކުރިން، ކިޔަވައިދޭ ފޮތްތައް ހަމަކޮށް، ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމަށް ކަމަށް އެ ސްކޫލުން ވިދާޅުވެއެވެ. 

ގްރޭޑް 1 އިން ފެށިގެން 10 އަކާ ހަމައަށް ކިޔަވައިދޭ މި ސްކޫލްގައި 1100 އެއްހާ ކުދިން ތައުލީމް ޙާސިލްކުރަމުންދެއެވެ. ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް، ޑރ އަދީލް ނަސީރު ވިދާޅުވީ، މިއަހަރުވެސް އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ކައިރިން ކަންތައްތައް ބެއްލެވި ކަމަށާއި، ދަރިވަރުންނާ ގުޅޭ ގިނަ ކަންތައްތައް ފުރިހަމަ ވެފައިވާކަމަށެވެ. ސްކޫލް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން، ފާޚާނާތަކަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް، ވޯކްވޭތައްވެސް މަރާމާތު ކޮށްފައިވާކަމަށްވެސް ޝަރަފުއްދީން ސްކޫލުން ބުނެއެވެ.

އައްޑޫސިޓީ ހިތަދޫގައި ހިންގަމުން އަންނަ ނޫރާނީ ސްކޫލަކީ، ޕްރީ ސްކޫލުން ފެށިގެން، ގްރޭޑް ހަޔަކާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. ނޫރާނީ ސްކޫލްގެ ޕްރިންސިޕަލް ހަސަން ޒަރީރު ވިދާޅުވީ މިއަހަރުގެ ދިރާސީ އައު އަހަރަކީ އެ ސްކޫލަށް ވަރަށް ޚާއްސަ އަހަރެއް ކަމަށާއި، އެގޮތުން މާދަމާއިން ފެށިގެން އެ ސްކޫލް ކުރިއަށްދާނީ އަރަބި މީޑިޔަމަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ކަމަށެވެ.

ނޫރާނީ ސްކޫލްގެ އިތުރުން، ހިތަދޫ ހިރާ ޕްރީ ސްކޫލް މަޝްހޫރު ވެފައިވަނީ ދީނީ ތައުލީމް އެންމެ ފުޅާކޮށް ދެމުން އަންނަ ސްކޫލްގެ ގޮތުގައެވެ. ހިރާ ސްކޫލްގެ ފަރާތުން ޝައިޙް މުޙައްމަދު އަނީލް ވިދާޅުވީ، ކުޑަކުދިން އެންމެ ގަޔާވާނެ ގޮތަށް ކްލާސް ރޫމްގެ ކަންކަން އިންތިޒާމް ކުރުމަށް މިއަހަރުވެސް ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ.

ހިތަދޫގައި ހުރި ސްކޫލްތަކުގެ އިތުރުން، އައްޑޫސިޓީގެ ދެން ހުރި ރަށްތަކުގައިވެސް ދަނީ މާދަމާ ފެށޭ ދިރާސީ އައު އަހަރަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ސްކޫލްތަކުގެ އާބާތުރަ ފިލުވާ، ކުލަލުމާއި، ސްކޫލް ހިމެނޭ ސަރަޙައްދުތައް ސާފު ކުރުމުގެ ކަންތައްތައްވެސް އައްޑޫސިޓީގައި ކުރިއަށްދެއެވެ.