ޚަބަރު

އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުކަމަށް ބޭފުޅަކު އައްޔަންކޮށްފި


ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމަށް ސައޫދީ އަރަބިޔާ އިސްކޮށް އޮވެ، އުފައްދާފައިވާ އިސްލާމީ ޤައުމުތަކުގެ ގުޅިފައިވާ ލަޝްކަރުގެ ކޮމާންޑަރަކަށް ޕާކިސްތާނުގެ ކުރީގެ ސިފައިންގެ ވެރިޔާ، ޖެނަރަލް ރަހީލް ޝަރީފް އައްޔަންކުރަން ނިންމައިފިއެވެ. 

ޕާކިސްތާނުގެ ބައެއް ނޫސްތަކާ ޙަވާލާދީ، ޒިންހުއާއިން ބުނީ މިދިޔަ ނޮވެމްބަރުމަހު ޕާކިސްތާނުގެ ސިފައިންގެ ވެރިޔާގެ މަޤާމުން ރިޓަޔާކުރެއްވި ޖެނަރަލް ޝަރީފް ވަނީ އިސްލާމީ ޤައުމުތަކުގެ ލަޝްކަރުގެ ކޮމާންޑަރުކަން ޤަބޫލުފުޅުކުރައްވާފައެވެ. އަދި ޕާކިސްތާނުންވެސް ވަނީ އޭނާއަށް މިކަމަށް ހުއްދަ ދީފައިކަމަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓްރީއާ ޙަވާލާދީ ޙަބަރުތައް ބުނެއެވެ. 

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ އިސްލާމީ ޤައުމުތަކުގެ ލަޝްކަރުގެ ކޮމާންޑަރަކަށް ޖެނަރަލް ޝަރީފް އައްޔަންކުރުމާބެހޭ އެއްބަސްވުމަކަށް މީގެ ދުވަސްކޮޅެއް ކުރިން އާދެވިފައިވާކަމަށެވެ. ނަމަވެސް އޭގެ މާބޮޑު ތަފްސީލެއް އޭނާ ހާމައެއްނުކުރައްވައެވެ. 

ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފެއްދި ލަޝްކަރުގެ ކޮމާންޑް ސެންޓަރު ހުންނާނީ ސައުދީ އަރަބިޔާގެ ވެރިރަށް ރިޔާޒްގައެވެ. އިސްލާމީ ޤައުމުތަކުގެ ގުޅިފައިވާ ލަޝްކަރުގައި މިހާތަނަށް 34 ގައުމަކުން ވަނީ ބައިވެރިވެފައިވެއެވެ. 

މިޤައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް، އުރުދުން، ބަޙުރެއިން، ސެނެގަލް، ސޫދާން، ކުވައިތު، ދިވެހިރާއްޖެ، މޮރޯކޯ، ޕާކިސްތާން، ޗަޑް، ތުރުކީ، ތޫނިސް، ކޮމޯރޮސް، ޖިބޫޓީ، އޮމާން، ޤަތަރު، މެލޭޝިއާ، މިޞްރު އަދި މޮރިޓޭނިއާ ހިމެނެއެވެ. އަދި އިތުރު ޤައުމުތަކުންވެސް ދަނީ ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރަމުންނެވެ. 

ސަޢުދީ ޕްރެސް އެޖެންސީން ބުނާގޮތުގައި މިއީ ގުޅިފައިވާ މިފަދަ އެންމެ ބޮޑު އެއް ލަޝްކަރެވެ.