ޚަބަރު

މިދިޔަ އަހަރަކީ އަމާން ވެށްޓެއް ޤާއިމްކުރެވުނު އަހަރެއް - ސީޕީ


ފާއިތުވެދިޔަ އަހަރަކީ ކުށްމަދު އަމާން ވެށްޓެއް ޤާއިމްކުރެވިގެން ދިޔަ އަހަރެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފް ވިދާޅުވެއްޖެއެވެ.

މިއަހަރު ފުލުހުންގެ ޚިދުމަތް ދިނުމުގައި ޚާއްޞަގޮތެއްގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ފުލުހުންގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފް ދެއްކެވި ވާހަކަފުޅުގައި ކުށްމަދު ވެށްޓެއް ޤާއިމްކުރުމަށްޓަކައި އެކިއެކި ޑިޕާޓްމަންޓްތަކުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއަހަރަކީ ކުށްމަދު އަމާން ވެށްޓެއް ޤާއިމްވެފައިވާ އަހަރަކަށް ހެދުމަށާއި އައު އަހަރާ ދިމާކޮށް ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުންނާއި އިޖުތިމާޢީ މައްސަލަތަކާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުންވެސް ކޮމިޝަނަރ މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ފުލުހުންނާއި އެހެން މުއައްސަސާތައް ގުޅިގެން ހައްލުކުރެވެންހުރި ކަންކަން ފާހަގަކުރައްވައި، އެކަންކަން ހައްލުކުރުމުގައި އެ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގެންނެވިއެވެ.

އިސްކަންދަރު ބިލްޑިންގައި ބޭއްވި މި ބައްދަލުވުމުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.