ކުޅިވަރު

ބެންޖޯ ޓީސީއަށް ބަދަލުވެއްޖެ


ފާއިތުވި ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅުނު އަބުދުﷲ ހަނީފް ޓީސީ ސްޕޯރޓްސް ކްލަބަށް ބަދަލުވެއްޖެއެވެ.

އަބުދުﷲ ހަނީފް ( ބެންޖޯ ) ވަނީ ރޭ ޓީސީއާއެކު އެއްއަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބެންޖޯއަކީ ފާއިތުވި ސީޒަންގައި ނިކަމެތިކޮށް ނިއުގައި އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔާއެވެ. ޢާއްމުކޮށް ފަހަތަށް ކުޅޭ ބެންޖޯ މިދިޔަ ސީޒަންގައި ބޮޑަށް ފެނުނީ ނިއުގެ މެދުތެރެއިންނެވެ. ނަމަވެސް ބައެއް މެޗުތަކުގައި ނިއުގެ ދިފާއުގައިވެސް މަސައްކަތްކުރިއެވެ.

ބެންޖޯ ބޮޑަށް ފާހަގަވީ ވީބީ ސްޕޯރޓްސް ކްލަބުންނެވެ. އޭގެއިތުރުން އޭނާ ވަނީ ވެލެންސިޔާއާއި އީގަލްސްއަށްވެސް ކުޅެފައެވެ. ބެންޖޯއާއެކު ޓީސީގައި އައްޑުއަށް ނިސްބަތްވާ ކުޅުންތެރިން ގިނައެވެ. އޭގެތެރޭގައި ޝަމްވީލް ޤާސިމް ( ބޮންޑާ ) އާއި އަލީ ނާފިއު ( ކަޅޭ ) އާއި ދާދިފަހުން އެޓީމާއި ގުޅުނު އިބްރާހީމް މަހުދީ ހިމެނެއެވެ. ކޯޗު މުޙައްމަދު ނިޒާމަކީވެސް އައްޑުއަށް ނިސްބަތްވާ ކޯޗެކެވެ.

ޓީސީން ބުނީ ކުރިއަށްއޮތް ސީޒަންގައިވެސް އެޓީމް ވަރުގަދަވާނެކަމަށާއި، ޓީސީ އަކީ ފަސޭހަ ޓީމަކަށް ނުވާނެކަމަށެވެ.