ކުޅިވަރު

މުޅިން ސީޒަން ކާމިޔާބުކުރަން އާ އެކްސްކޯ ނިއުއާ ހަވާލުވެއްޖެ


މުޅި ސީޒަން ކާމިޔާބުކުރުމަށް އަމާޒު ކަނޑައަޅައި އާއެކްސްކޯ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބާ މިރޭ ހަވާލުވެއްޖެއެވެ. މިރޭ ބޭއްވި ނިއުރޭޑިއަންޓްގެ ކޮންގްރެސްގައި އާ އެކްސްކޯއަށް ނުވަ މެމްބަރުން ކަނޑައެޅުނުކަން ވަނީ އިއުލާންކޮށްފައެވެ. އެކްސްކޯއަށް ކުރިމަތިލީ ބޭނުންވާ އަދަދަށް ވުމުން ކްލަބްގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތީން ވޯޓަށް އަހާކަށް ނުޖެހެއެވެ. އަދު ރުހުން ހޯދާކަށްވެސް ނުޖެހެއެވެ. ބޭނުންވާ އަދަދަށް އަދި މަދުން ކުރިމަތިލި ނަމަވެސް ކުރިމަތިލި މީހުން ހޮވުނީކަމަށް ކަނޑައަޅަން ނިއުގެ ހިންގާ ޤަވާއިދުގައިވެއެވެ. 

ކްލަބްގެ އާ ހިންގާ ކޮމިޓީގައި ތިއްބަވަނީ ކާނަލް ރިޓަޔަޑް މުޙައްމަދު ޒިޔާދުއާއި، ނިއުގެ ކުރީގެ ކީޕަރު ސައްޔިދު އަލީއާއި، އަބުދުލް މުއިއްޒު މުސްތަފާއާއި، ހަސަން ހުސެއިންއާއި، އިސްމާއީލް ރަޝީދާއި، ހުސެއިން ޝާމް އާދަމްއާއި، އަލްއުސްތާޛު އައްބާސް ޝަރީފާއި، ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތްކުރެއްވި އަހުމަދު ޝިޔާމްއާއި، ނާލިން ޗަމިންދަ އުދަގެ ކަންކަނާގެއެވެ. މީގެތެރެއިން ޗެއަރމަންކަމަށް ވަޑައިގަންނަވާނެކަމަށް ޔަޤީންކުރެވެނީ ކާނަލް ރިޓަޔަޑް މުޙައްމަދު ޒިޔާދުއެވެ. 

ރަސްމީކޮށް ކްލަބާއި ހަވާލުވުމަށްފަހު އާ ހިންގާ ކޮމިޓީ ނޫސްވެރިންނާ، ކްލަބްގެ ފުރިހަމަ މެމްބަރުންނާ ބައްދަލުކުރައްވައި ވަނީ ސަޕޯޓަރުންނަށް އުއްމީދީ ވާހަކަތަކެއް ވިދާޅުވެފައެވެ. އެގޮތުން އެންމެ މުޙިންމު އެއްވާހަކައަކީ މިއަހަރުގެ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް އަމާޒު ހިފާފައިވާ ވާހަކައެވެ.

" އަޅުގަނޑާއި އަޅުގަނޑުގެ ޓީމްގެ އެންމެ ބޮޑު އަޒުމަކީ އިރާދަކުރެއްވިއްޔާ މިއަހަރު ހުރިހާ މުބާރާތެއް ކާމިޔާބުކުރުން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ޓީމް މިބައްޓަންކުރަނީ އެގޮތަށް. އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތް. ޚާއްޞަގޮތެއްގައި ތިޔަބޭފުޅުން ( ސަޕޯޓަރުން ) މުޅި ސީޒަންގައި އަޅުގަނޑުމެންނާއެކު ތިއްބަވާފިއްޔާ އަޅުގަނޑަށް ވަރަށް ޔަޤީންކަން އެބައޮތް އިރާދަކުރެއްވިޔާ ކާމިޔާބުވާނެ. އެންމެ ބޮޑު ޓާގެޓަކީ ޕްރިމިއަރ ލީގު ކާމިޔާބުކޮށް ޖެހިގެން އަންނަ އަހަރު އޭއެފްސީކަޕުން ޖާގަ ހޯދުން. " ޒިޔާދު ވިދާޅުވިއެވެ. 

ސީޒަން ކާމިޔާބުކުރުމަށް ނިއުއިން ވަނީ މިހާރުވެސް ސްކޮޑަށް ބަދަލުތަކެއް ގެނެސްފައެވެ. ޒިޔާދު ވިދާޅުވީ އެކާމިޔާބީއާ ހަމައަށް ދިއުމަށް ސީޒަން ނިމުނު އިރު ސްކޮޑްގައި ތިބި ބައެއް ކުޅުންތެރިން ދޫކޮށްލަން ޖެހޭކަމަށާއި، އެކަންވެސް މިހާރުކޮށްފައިވާކަމަށެވެ. އާ ސީޒަނަށް ނިއުއާއި ގުޅުނު މުޙިއްމު ކުޅުންތެރިންނަކީ ކީޕަރު އިމްރާން މުޙައްމަދު، ނިމިގެންދިޔަ ސީޒަންގައި އެންމެ ގިނަ ލަނޑުޖެހި އަލީ ފާސިރު، އަހުމަދު އަބުދުﷲ، އަކްރަމް އަބުދުލްޣަނީއެވެ. މީގެއިތުރުން ބިދޭސީ ހަތަރު ކުޅުންތެރިން ނިއުއާ ގުޅޭނެކަމަށް ކްލަބުން މައުލޫމާތުދެއެވެ.

ނިއުރޭޑިއަންޓަށް އާ ހިންގާ ކޮމިޓީއެއް އިންތިޚާބުކުރަން ޖެހުނީ ކުރީގެ ހިންގާ ކޮމިޓީން އާ ހިންގާ ކޮމިޓީއަކަށް ފުރުޞަތު ދީ މެމްބަރުން އިސްތިއުފާދެއްވުމުންނެވެ. ނިއުއިން ވަނީ މީގެކުރިން ދެ އަހަރެއްގައި މުޅި ސީޒަން ކާމިޔާބުކޮށްފައެވެ.