ޚަބަރު

ގުރައިދޫ މަރުކަޒުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ


ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްޤީކުރެއްވުމަށް ސަރުކާރުން މިސްރާބު ހިފާފައިވަނީ، ބަޔޯ ސައިކޯ ސޯޝަލް މޮޑެލަކަށް އެތަނުގެ ޚިދުމަތް ދެއްވުމަށްކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބާރާހީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ، ކ.ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަތަރު ކުންފުންޏަކުން ސްޕޮންސަރޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ސަރުކާރުން ޤާއިމްކުރައްވާފައިވަނީ 6 ޖޫން 1976 ވަނަ އަހަރުއެވެ. އެތަނުގައި ސަރުކާރުން ބަލަހައްޓަވަމުން ގެންދަވަނީ އެކި ސަބަބުތަކާ ހެދި ޢާއިލާތަކުން އަޅާނުލައި، މުޖުތަމަޢަށް ދޫކޮށްލެވިފައިވާ މީހުންނެވެ. ގުރައިދޫ  މަރުކަޒުގައި މިވަގުތު 175 މީހުން އެބަތިއްބެވިއެވެ. މީގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި ނަފްސާނީ ބަލީގައި ފަރުވާ ހޯދަމުންދާ މީހުން ހިމެނެއެވެ.

ގުރައިދޫ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ގެންނަވައި، ސަރުކާރުން އެތަން މަރާމާތުކުރުމާއި، ތަރައްޤީކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވަނީ ނިމިގެންދިޔަ 2016 ވަނަ  އަހަރުގައެވެ. މިކަމުގެ އެންމެ ބޮޑު ބޭނުމަކީ، އެތަނަކީ ރައްކާތެރި ތަނަކަށް ހައްދަވައި އެތަނުގައި ތިބޭ ބަލިމީހުންނަށް ދެއްވާ ފަރުވާގެ ފެންވަރު މަތިކުރެއްވުމެވެ. ހެލްތު މިނިސްޓްރީން މަޢުލުމާތުދެއްވި ގޮތުގައި މިހާރުކުރައްވަމުންގެންދަވާ މަސައްކަތަކީ އެތަން މަރާމާތުކުރެއްވުމުގެ މަސައްކަތެވެ. އަދި މިމަސައްކަތުގެ  ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މިމަޝްރޫޢަށް ގާތްގަޑަކަށް 12 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރައްވައެވެ. ސަރުކާރުގެ އަމާޒަކީ، ގުރައިދޫ މަރުކަޒު، ބަޔޯ ސައިކޯ ސޯޝަލް މެކޭނިޒަމެއްގެ މޮޑެލަށް ހިންގެވުމެވެ.

ގުރައިދޫ މަރުކަޒު މަރާމާތުކުރެއްވުމުގެ މަސައްކަތާއެކު އެތަނުގައި ފަސޭހަކަމާއެކު ހިނގާބިގާވެ އުޅެވޭ ގޮތަށް، އެތަނުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖައްސަވާފައެވެ.

ގުރައިދޫ މަރުކަޒުގައި 06 ވޯޑު ހުރެއެވެ. އެތަންތަން މަރާމާތު ކުރައްވައި ޖާގާ އިތުރުކުރެއްވުން އިތުރު 32 އެނދުގެ ޖާގަ ހިމެނޭ ގޮތަށް ވޯޑު ބޮޑުކުރެވިގެންދާނެއެވެ.

ގުރައިދޫ މަރުކަޒަށް ރާއްޖޭގެ އެކި ކުންފުނިތަކުންނާއި، އޮފީސްތަކުން ގެންދަވަނީ ތަފާތު އެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ދާދި ފަހުންވެސް 4 ކުންފުޏަކުން އެމަރުކަޒަށް ބައެއް ވަޞީލަތްތައް ފޯރުކޮށްދިނުމާއި، އެތަނުގެ ބައެއް މުވައްޒަފުންގެ މުސާރަ ސްޕޮންސަރކޮށްދެއްވާފައިވެއެވެ. ސަރުކާރުގެ އަމާޒަކީ އެއްވެސް ރައްޔިތެއް ބާކީ ނުކޮށް، ޚާއްޞަ އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިވެއްދެއްވުމެވެ.