ސިއްހަތު

ތިއޭޓަރ ކޮމްޕްލެކްސްގެ ޚިދުމަތް މިއަހަރު ކުރީކޮޅު ފަށާނެ - އޭޑީކޭ


ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތްދޭ އަމިއްލަ އެއްފަރާތަކީ އޭ.ޑީ.ކޭ ހޮސްޕިޓަލެވެ. މިއީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ޕްރައިވެޓް ހޮސްޕިޓަލްވެސްމެއެވެ. "މެޑިކްލިނިކް"ގެ ނަމުގައި 1987 ވަނަ އަހަރު ވަރަށްވެސް އާދައިގެގޮތަކަށް ހުޅުވި މި ހޮސްޕިޓަލަކީ ޞިއްޙީ ދާއިރާއާ ގުޅުންހުރި އެތައް ޚިދުމަތްތަކެއް ދެމުން އަންނަ ރާއްޖޭގެ ޞިއްޙީ ދާއިރާގައި މުހިއްމު ދައުރެއް އަދާކުރާ ހޮސްޕިޓަލެކެވެ. 

އޭ.ޑީ.ކޭ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ތަޢާރަފްކުރުމަށް އެ ހޮސްޕިޓަލުން މިހާރުވެސް ގެންދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ އަލަށް ޢިމާރާތްކުރާ ތިއޭޓަރ ކޮމްޕްލެކްސްގެ މަސައްކަތެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އޭ.ޑީ.ކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ، އެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރާ ތިއޭޓަރ ކޮމްޕްލެކްސްއަށް ބޭނުންވާ ޢިމާރާތުގެ ނުވަދިހަ ފަހެއް އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިތަނުގައި ޤާއިމުކުރާ އޮޕަރޭޝަން ތިއޭޓަރތަކަކީ ޕްރީ-ފެބްރިކޭޓަޑް ތިއޭޓަރތަކެއްކަމުން، އެތަކެތި އުފެއްދުމުގެ މަސައްކަތް ޖަރުމަނުވިލާތުގައި ކުރަމުން އަންނަކަމަށާއި، އެތަނަށް ބޭނުންވާ މެޝިނަރީ އަދި މެޑިކަލް އިކުއިޕްމެންޓްސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14837663083931.jpg|އޭޑީކޭގެ ތިއޭޓަރ ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ޕީއެސްއެމް

"އޮޕަރޭޝަން ތިއޭޓަރތައް މެނުފެކްޗަރިންގ ޕްރޮސެސްގައި މިހާރު އުޅެނީ. ޖަރމަނީގައި އެތަކެތި އުފައްދައިގެން ގެންނާނީ. އެހެންވީމަ އެތަކެތި ރާއްޖެ ގެނެއުމަށްފަހު މެނުފެކްޗަރާގެ ކަމާބެހޭ މީހުން އައިސް އެތަކެތި ރާވައި، ހަދައިދޭނެ. މިތަނަށް ބޭނުންވާ އިކުއިޕްމަންޓްވެސް ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެންގެ އުއްމީދަކީ މިއަހަރުގެ ކުރީކޮޅު ތިއޭޓަރ ކޮމްޕްލެކްސްގެ މަސައްކަތް އެއްކޮށް ނިންމާ، އާއްމުންނަށް އެތަނުގެ ޚިދުމަތްދިނުން. އެ އަމާޒަށް ވާސިލުވުމަށް ވަރަށް ބާރުލާ މަސައްކަތް އެބަކުރަން" އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އައްފާލް ވިދާޅުވިއެވެ. 

އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އަލަށް ޢިމާރާތްކުރާ ތިއޭޓަރ ކޮމްޕްލެކްސްއާއެކު އެ ހޮސްޕިޓަލުން މިހާރު ފޯރުކޮށްދޭ ޚިދުމަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އައްފާލް ވިދާޅުވިގޮތުގައި އެ ހޮސްޕިޓަލުން އެކި ކަހަލަ އޮޕަރޭޝަންތައް ކުރުމަށް ވެއިޓިންގ ލިސްޓުގައި ބަލިމީހުން ތިބެންޖެހޭ ވަގުތު މިތަނުގެ ސަބަބުން، ސަލާމަތް ކުރެވޭނެއެވެ.

"މިއީ އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއް. އަދި ރައްޔިތުން މި ހޮސްޕިޓަލާމެދު ކުރާ އިތުބާރުވެސް ބޮޑުވެގެންދާނެކަމެއް. އަޅުގަނޑުމެންގެ މި އޮޕަރޭޝަން ތިއޭޓަރތަކުގެ ތެރެއިން އެއް ތިއޭޓަރަކީ ހިތުގެ ބަލީގެ އޮޕަރޭޝަންތައް ކުރެވޭ ފެންވަރަށް ޤާއިމުކުރާ ތިއޭޓަރެއް" އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އައްފާލް ވިދާޅުވިއެވެ. 

މި ތިއޭޓަރ ކޮމްޕްލެކްސްގެ މަސައްކަތް ނިމުމުން، މިތަނުގައި 3 އޮޕަރޭޝަން ތިއޭޓަރާއި، 5 އެނދުގެ ރިކަވަރީ ސްޓޭޝަނަކާއި، ކެތެލެބެއްގެ އިތުރުން، 5 އެނދުގެ ކޮރޮނަރީ ކެއަރ ޔުނިޓް ނުވަތަ ސީ.ސީ.ޔޫ އެއްގެ ޚިދުމަތްވެސް ޤާއިމުވެގެންދާނެކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ހާމަކުރެއެވެ.