ޚަބަރު

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ހަދާފައި ހުރި 64 ތަނެއް ނަގައިފި


ހުޅުމާލޭގެ ފްލެޓް ޢިމާރާތްތަކުގެ ތިރީގައި ހިމެނޭ ޢާއްމު ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ޢިމާރާތްކޮށްފައިވާ 64 ތަނެއް މިހާތަނަށް ނަގާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ.

ހުޅުމާލޭ ބައެއް ފްލެޓް ޢިމާރާތާ އިންވެގެން އޮންނަ ޢާއްމު ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ތަންތަން ހަދާފައިވާ ފަރާތްތަކާއި ޢިމާރާތަށް ގެއްލުން ލިބޭގޮތަށް ގަސް އިންދާފައިވާ ފަރާތްތަކަށް އެފަދަ ތަންތަން ސާފުކުރުމަށް އެކުންފުނިން މީގެކުރިން ވަނީ 2 މަސް ދުވަހުގެ މުހުލަތެއް ދީފައެވެ. މި މުއްދަތުގެ ތެރޭގައި ނައްތާނުލައި ހުރި ތަންތަން ނެގުމުގެ މަސައްކަތް އެޗް.ޑީ.ސީން މިހާރު ގެންދަނީ ކުރަމުންނެވެ. އެގޮތުން މިފަދަ 64 ތަނެއް ނަގާފައިވާއިރު، އިތުރު 13 ތަނެއް ނެގުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ. އަދި އަމިއްލައަށް ބޭނުންވެގެން އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރުމަށް 16 ފަރާތަކަށް ފުރުޞަތު ދީފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ. 

އެއްމެދު ޢިމާރާތް ނުވަތަ ފްލްޓް ބިލްޑިންގތަކުގެ ސަރަޙައްދުގައި ހިމެނޭ ޢައްމު ބައިތަކާއި ވަޞީލަތްތަކަކީ އެ ޢިމާރާތެއްގައި ދިރިއުޅޭ އެންމެންގެ މަސްލަޙަތު ހިމެނޭ ތަންތަނުގެ ގޮތުގައި ވަނީ ބިމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައެވެ. އެއްމެދު ޢިމާރާތްތައް ބޭނުންކުރަން ޖެހޭނީ މިއުޞޫލުގެ ދަށުންކަމަށް ވީނަމަވެސް ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ އެއްމެދު ޢިމާރާތާއި އިންވެގެން އޮންނަ ޢާންމު ސަރަޙައްދު އެކި ފަރާތްތަކުން ޤަވާޢިދާ ޚިލާފަށް ގެންދަނީ ބޭނުންކުރަމުންނެވެ.  

އަމިއްލަ ބޭނުންތަކަށް ހަދާފައިވާ މިފަދަ ތަންތަނުގެ ސަބަބުން، ޢިމާރާތްތަކުގެ މެއިންޓަނަންސް މަސައްކަތް ކުރުމަށް ދަތިތަކާ ކުރިމަތިވަމުންދާކަމަށާއި، އެފަދަ އެތަންތަނުގައި އިންދާފައި ހުންނަ ބޮޑެތި ގަސްގަހުގެ މުލުގެ ސަބަބުން ޢިމާރާތުގެ އޮނިގަނޑަށް ގެއްލުންވުމުގެ ފުރުޞަތު ބޮޑުކަން އެޗް.ޑީ.ސީއިން ފާހަގަކުރެއެވެ. އަދި ޢިމާރާތުގައި ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވާ ޙާލަތެއްގައި މީހުން ސަލަމާތް ކުރުމުގައިވެސް، މިފަދަ ތަންތަން ހަދާފައި ހުރުމުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވާނެތީ، މިފަދަ ތަންތަން ނަގައި ސާފުކުރުމަށް އެޗްޑީސީއިން ވަނީ އިލްތިމާސްކޮށްފައެވެ.