ދުނިޔެ

ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއަރލައިންތަކަކީ ކޮބާ؟


ދުނިޔޭގެ އެއަރލައިންތަކުގެ ސަލަމާތީ ކަންކަން ދިރާސާކުރާ، އެއަރލައިން ރޭޓިންގސް ޑޮޓްކޮމް އިން ހޮވާ ސަލާމަތީ ގޮތުން އެންމެ ރައްކާތެރި އެއަރލައިންއަކަށް އޮސްޓްރޭލިއާގެ ކުއަންޓަސް އެއަރވޭސް ހޮވިއްޖެއެވެ.

ކުރިއަށް އޮތް އަހަރު ދަތުރުކުރުމަށް ސަލާމަތީގޮތުން އެންމެ ރައްކާތެރި އެއަރލައިންތަކަކީ ކޮބައިތޯ ބެލުމަށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ދިރާސާއިން ކުއަންޓަސް އެއަރވޭސްއަށް އެއްވަނަ ލިބުނީ 425 އެއަރލައިނެއްގެ މެދުގައި ހެދި ދިރާސާއަކަށްފަހުއެވެ. މިދިޔަ 3 އަހަރުވެސް މިމަޤާމު ލިބިފައިވަނީ ކުއަންޓަސް އެއަރވޭސްއަށެވެ.

img:http://s2.psmnews.mv/images/660x400/7227.jpg|ކުއަންޓަސް އެއަރވޭސްގެ މަތިންދާ ބޯޓެއް / ފޮޓޯ: ކުއަންޓަސް

އޮސްޓްރޭލިއާގެ ކުއަންޓަސް އެއަރވޭސްއަކީ 1920 ވަނަ އަހަރު ޚިދުމަތަށް ނިކުތް އެއަރލައިންއެކެވެ. އެއަރލައިންގެ 96 އަހަރުވީ ދިގު ތާރީޙުގައި އެކުންފުނިން ސަލާމަތީ ކަންކަމުގައި އަދާޔާ ޚިލާފް ރެކޯޑްތަކެއް ވަނީ ދަމަހައްޓާފައެވެ. އަދި ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން އެކުންފުނިން ދަނީ އެއަރލައިން އިތުރަށް ތަރައްޤީކުރަމުންނެވެ. މިގޮތުން ސެޓްލައިޓް މެދުވެރިކޮށް ބޯޓު ބިމަށް ތިރިކުރުމުގެ ޤާބިލްކަމާއި، އޮޕަރޭޝަން ސެންޓަރުތަކުގައި ތިބޭ މީހުންނަށް ދަތުރުމަތީގައި އޮންނަ ބޯޓުގެ އިންޖީނުގެ ހަރަކާތްތައް ގާތުން ބަލާލުމުގެ ފުރުޞަތު އޮވެއެވެ. މިކަމުގެ ސަބަބުން ބޮޑު މައްސަލައެއް ކުރިމަތިނުވަނީސް އެކަން ހައްލު ކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ. މިފަދަ ބައިވަރު ސަބަބުތަކަށްޓަކައި ކުއަންޓަސް އެއަރވޭސް ވެފައިވަނީ ދުނިޔޭގެ ގިނަ ބަޔަކު ޤަބޫލުކުރާ އެންމެ ރައްކާތެރި އެއަރލައިންއަށެވެ.  

img:http://s4.psmnews.mv/images/660x400/14836227851873.jpg|ދުނިޔޭގެ އެންމެ ރައްކާތެރި އެއަރލައިންގެ ލިސްޓުގައި ހިމެނޭ އިއްތިޙާދު އެއަރވޭސްގެ މަތިންދާބޯޓެއް

ކުއަންޓަސްގެ އިތުރުން، އެއަރލައިން ރޭޓިންގސް ޑޮޓްކޮމްއިން ހޮވި އެންމެ ރަނގަޅު 20 އެއަރލައިންގެ ލިސްޓުގައި ދެންވެސް ހިމެނެނީ ނަން މަޝްހޫރު އެއަރލައިންތަކެވެ. މިގޮތުން މިލިސްޓުގައި ހިމެނޭ އެއަރލައިންތަކަކީ އެއަރ ނިއުޒިލެންޑް، އެލަސްކާ އެއަރލައިން، އޯލް ނިޕޯން އެއަރވޭސް، ބްރިޓިޝް އެއަރވޭސް، ކެތޭ ޕެސިފިކް އެއަރވޭސް، ޑެލްޓާ އެއަރލައިންސް، އިއްތިހާދް އެއަރވޭސް، އިވާ އެއަރ، ފިން އެއަރ، ހަވާއިއަން އެއަރލައިންސް، ޖަޕާން އެއަރލައިންސް،  ކޭއެލްއެމް، ލުފްތަންސާ، ސްކެންޑިނޭވިއަން އެއަރލައިން ސިސްޓަމް، ސިންގަޕޯރ އެއަރލައިންސް، ސްވިސް އިންޓަނޭޝަނަލް އެއަރލައިން، ޔުނައިޓެޑް އެއަރލައިންސް، ވަރޖިން އެޓްލާންޓިކް އަދި ވަރޖިން އޮސްޓްރޭލިއާއެވެ. 

img:http://s4.psmnews.mv/images/660x400/14836228367900.jpg|ދުނިޔޭގެ އެންމެ ރައްކާތެރި އެއަރލައިންގެ ލިސްޓުގައި ހިމެނޭ އެއަރނިއުޒިލެންޑުގެ މަތިންދާބޯޓެއް

ދުނިޔޭގެ އެންމެ ރައްކާތެރި އެއަރލައިންތަކުގެ ލިސްޓުން ޖާގަ ހޯދުމަށް މީގެއިން ކޮންމެ އެއަރލައިނެއްގެ ދަތުރުތަކުގެ ތަފްސީލާއި، ޕަސިންޖަރުންގެ ރައްކާތެރިކަމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގެންނަ ކުރިއެރުންތައް ދިރާސާކުރެއެވެ. މިގޮތުން މިއަހަރުގެ ލިސްޓުގެ އެންމެ ކުރި ހޯދި 20 އެއަރލައިންއަކީ މިގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ، އަދި ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ އެއަރލައިންތަކެއްކަން އެއަރލައިން ރޭޓިންގސް ޑޮޓްކޮމްއިން ފާހަގަކުރެއެވެ.

img:http://s1.psmnews.mv/images/660x400/14836229051077.jpg|ދުނިޔޭގެ އެންމެ ރައްކާތެރި އެއަރލައިންގެ ލިސްޓުގައި ހިމެނޭ ޖަޕާނުގެ އޯލް ނިޕޯން އެއަރލައިންގެ މަތިންދާބޯޓެއް

425 އެއަރލައިނެއްގެ މެދުގައި ހެދި މިދިރާސާއިން 7 ތަރީގެ ދަރަޖަ ލިބުނީ 148 އެއަރލައިންއަކަށެވެ. 50 އެއަރލައިނަކަށް ލިބުނީ 3 ތަރީގެ ދަރަޖަ ނުވަތަ އެއަށްވުރެ ދަށުންނެވެ. 1 ތަރީގެ ދަރަޖަ ލިބުނު 14 އެއަރލައިނެއް ލިސްޓުގައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އަފްޣާނިސްތާން، ނޭޕާލް، އިންޑޮނޭޝިއާ އަދި ސުރިނާމްގެ އެއަރލައިންތަކެވެ.