ޚަބަރު

ޒިކާއިން ރާއްކާތެރިވުމަށް ފިޔަވަޅު އެޅުން މުހިއްމު


ރާއްޖެއަކީ ޒިކާ ބަލި ފެތުރެމުންދާ ޤައުމެއްކަމުގައި ނުވިނަމަވެސް، ރާއްޖެއަކީ މި ބަލި ފެތުރުމުގެ ފުރުޞަތު އޮތް ޤައުމެއް ކަމަށް ޞިއްޙީ ދާއިރާތަކުން ފާހަގަކުރައްވައެވެ.

ޒިކާ ބައްޔަކީ، ރާއްޖޭގައި ކަންބޮޑުވާ މިންވަރުގެ ބައްޔެއްގެ ގޮތުގައި ބެލެވިފައި ނުވިނަމަވެސް، މާބަނޑު އަންހެނުން ޒިކާއިން ރާއްކާތެރިވުމަށް ޞިއްޙީ އެހީތެރިން އިރުޝާދު ދެއްވައެވެ. މިގޮތަށް އިރުޝާދު ދެއްވަނީ ޞިއްޙީ ހޯދުންތަކުން ދައްކާގޮތުން ޒިކާ ފެތުރޭ އެއް ގޮތަކީ، މާބަނޑު އަންހެނާގެ ކިބައިން ބަނޑުގައިވާ ދަރުފުޅަށް ކަމަށްވާތީއެވެ.

ސައިންސްގެ ހޯދުންތަކުން ދައްކާ ގޮތުގައި، ޒިކާ ވައިރަސް ފެތުރެނީ ދެގޮތަކަށެވެ. އެއީ މަދިރީގެ ޒަރިއާއިންނާއި، މައިމީހާގެ ފަރާތުން ބަނޑުގައިވާ ދަރިފުޅަށެވެ. ޒިކާ ވައިރަސްއަކީ ނުރައްކާތެރި ބައްޔެއްކަމުގައި ނުވިނަމަވެސް، މިކަމާ ކަންބޮޑުވާންޖެހެނީ، ބަނޑުގައިވާ ދަރިފުޅަށް މައިމީހާގެ ކިބައިން މިބަލި ޖެހޭކަން ޞިއްޙީ ދިރާސާތަކުން ދައްކާތީއެވެ. ޞިއްހީ މާހިރުން ވިދާޅުވާގޮތުގައި، ޒިކާއިން ބަނޑުގައިވާ ދަރިފުޅު ސަލާމަތް ކުރުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅަކީ، ދަރިމައިވުމަށް މަސައްކަތް ކުރާ ދުވަސްވަރާއި، މާބަނޑު ދުވަސްވަރުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. އޭގެ ތެރޭގައި ޒިކާ ފަތުރާ މަދިރިން ސަލާމަތްވުމާއި، ޞިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ޑޮކްޓަރުން ފާހަގަ ކުރައްވައެވެ.

ތުއްތު ކުދިން ޒިކާ ވައިރަސްއިން ރައްކާތެރި ކުރުމަށްޓަކައި، ސަމާލުވާންޖެހޭ އިތުރު ކަންތައްތަކުގެ ތެރޭގައި، ޒިކާ ފެތުރޭ ޤައުމުތަކަށް ދަތުރު ނުކުރުމާއި، އަދި އެފަދަ ޤައުމެއްގައި ދަތުރު ކުރާނަމަ ޢަމަލު ކުރަން ޖެހޭ ގޮތްތަކެއް އެބަހުއްޓެވެ. މިކަންކަމަށް ސަމާލުވެލެއްވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސް ކުރައްވައެވެ.

ރާއްޖޭގައި ޒިކާ ވައިރަސްއަށް މިހާރު ޓެސްޓު ކުރެވެން އެބަހުއްޓެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ އެހީގައި، ރާއްޖޭގޭ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލް ،އައި.ޖީ.އެމް އެޗުގައި ވަނީ މިނިޒާމް ޤާއިމް ކުރެވިފައެވެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ޒިކާ ސާމްޕަލް ނަގާ، ތަހްލީލް ކުރުމަށް އައި.ޖީ.އެމް އެޗަށް ފޮނުވޭނޭ ނިޒާމްވެސް އެޗް.ޕީ.އޭއިން މިހާރު ވަނީ ޤާއިމް ކުރައްވާފައެވެ. ރާއްޖޭގައި މިހާތަނަށް ކުޑަކުއްޖެއްގެ ގައިން ޒިކާ ވައިރަސް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް ދެމީހެއްގެ ކިބައިން ޒިކާ ވައިރަސް މިހާރު ވަނީ ފެނިފައެވެ.