ޚަބަރު

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު އިތުރު ކުރައްވައިފި


ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަނެއްކާވެސް އިތުރު ކުރައްވައިފިއެވެ.

މިއީ، އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު އިތުރު ކުރެއްވި ދެވަނަ ފަހަރެވެ. ކުރިން ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުއްވާލާފައި އޮތީ، ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް މުއްދަތަށް ގެންނެވި ބަދަލާއެކު މިމަހުގެ 16 ގެ ނިޔަލަށް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ އިތުރު ކުރައްވާފައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މަޢުލޫމާތު ދެއްވާ ގޮތުގައި، އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު އިތުރު ކުރެއްވީ، ވީހާވެސް ގިނަ އަންހެން ކަނބަލުންނަށް، އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ގޮތުން ކަމަށެވެ.

ސަރުކާރުން ކޮންމެ އަހަރަކު ރެހެންދި އެވޯޑްގެ ނަމުގައި އަންހެނުން ބޭފުޅުންނަށް ޚާއްޞަ އެވޯޑެއް ދެއްވުމުގެ ބޭނުންތަކުގެ ތެރޭގައި އަންހެނުން ޤައުމީ ޚިދުމަތަށް ނިކުތުމަށް ބާރުއެޅުއްވުމާއި މުޖުތަމަޢަށް ފައިދާހުރި ޚިދުމަތްކުރާ އަންހެނުންގެ އަގުވަޒަންކުރެއްވުން ހިމެނެއެވެ.

"ރެހެންދި' ގެނަމުގެ ނަމުގައި ސަރުކާރުން 2013 ވަނަ އަހަރު، އަންހެނުންނަށް ޚާއްޞަ އެވޯޑެއް ދެއްވަން ކަނޑައެޅުއްވި ފަހުން ކޮންމެ އަހަރަކުވެސް މިއެވޯޑް ދެއްވަމުން ގެންދަވައެވެ. އެގޮތުން މިހާތަނަށް 14 އަންހެން ކަނބަލަކަށް މިއެވޯޑް ލިބިވަޑައިގެންފައިވެއެވެ.