ތަޢުލީމު

ކުރިއަށް އޮތް 5 އަހަރުތެރޭ ޓީޗަރުން ޑިގްރީ ފެންވަރަށް!


ކުރިއަށް އޮތް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ސްކޫލްތަކުގައި ކިޔަވައިދެއްވާ ހުރިހާ ޓީޗަރުންނަކީ ޑިގްރީ ފެންވަރުގެ ޓީޗަރުންނަށް ހެއްދެވުމަށް އަމާޒު ކަނޑައަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްތަކުގައި ކިޔަވައި ދެއްވާ ޓީޗަރުންނަކީ ދަށްވެގެން ޑިޕްލޮމާ ހާސިލްކުރައްވާފައިވާ ޓީޗަރުންނަށް ހެއްދެވުމުގެ އަމާޒު މިހާރު ޙާޞިލުވެފައިވާ ކަމަށެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަކީ ޤާބިލް ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޓީޗަރުން މަތީ ތަޢުލީމް ހާސިލްކުރެއްވުމުގެ ފުރުސަތު ދެއްވުމުގެ ގޮތުން ގިނަ ޕުރޮގްރާމްތަކެއް ހިންގަވާ، ވޭތުވެދިޔަ އަހަރު ތެރޭގައި އެކަނިވެސް ދެ ހާހަށްވުރެ ގިނަ ޓީޗަރުން ޑިޕޮލަމާއަށްވުރެ މައްޗަށް ތަމްރީނު ކުރައްވާފައިވެއެވެ. އަދި މިއާއެކު ވަކި ވަކި މާއްދާތަކުން ޓީޗަރުން ތަމްރީނު ކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ހުޅުވާލައްވާ ޓީޗަރުން ތަމްރީނު ކުރައްވާފައިވެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިވަޑައިގެން މިދިޔަ އަހަރު ޓީޗަރުން ތަމްރީނު ކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ޙާއްޞަ ޕްރޮގްރާމެއް ފަށްޓަވާ، މިޕްރޮގްރާމުގެ ތެރެއިން ގިނަ ޓީޗަރުން ގެންދަވަނީ މަތީ ތަޢުލީމް ޙާޞިލު ކުރައްވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ނިމިގެން ދިޔަ އަހަރަކީ ޓީޗަރުންނަށް މަތީ ތަޢުލީމް ޙާޞިލު ކުރެއްވުމަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދިޔަ އަހަރެއް ކަމަށެވެ. އަދި މިހާރު ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަކީ ޑިޕްލޮމާއިން މަތީގެ ފެންވަރުގެ ޓީޗަރުންކަން އެ މިނިސްޓްރީން ފާހަގަކުރައްވައެވެ. ޓީޗަރުންގެ ތަމްރީނާއި ގުޅޭގޮތުން ޓީވީއެމްގެ ރާއްޖެ މިއަދު ޕުރޮގްރާމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ ތަޢުލީމީ ދާއިރާގެ ތެރޭގައި ހިމެނޭ ސިޔާސަތުގެ ތެރެއިން އެންމެ ބޮޑު އެއް ސިޔާސަތަކީ ސްކޫލްތަކުގައި ކިޔަވައި ދެއްވާ ޓީޗަރުންނަކީ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ޓީޗަރުންނަށް ހެއްދެވުން ކަމަށެވެ. އަދި މި ކާމިޔާބީއާއެކު ކުރިޔައް އޮތް 4 ނުވަތަ 5 އަހަރު ދުވަހުގެ ތެރޭގައި ޓީޗަރުން ޑިގްރީ ފެންވަރަށް ގެންނެވުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގިނަ ޢަދަދެއްގެ ތަމްރީނު ވެފައިތިބި ޓީޗަރުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވި. މިސަރުކާރުގެ އަޅުގަނޑުމެން ސިޔާސަތްތަކުގައި ހިމެނޭ ބޮޑު އެއްކަމަކީ، ސްކޫލްތަކުގައި 2016 ވަނަ އަހަރުން ފެށިގެން ކިޔަވައިދެއްވާ ޓީޗަރުންނަކީ ދައްވެގެން ޑިޕޮލަމާ ލިބިފައި ތިބި ޓީޗަރުން. އެހެންވީމަ އަޅުގަނޑުމެންނަށް އެ ޓާގެޓް ހާސިލްކުރެވިއްޖެ. ދެން އެޓާގެޓް ހާސިލްވުމުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޓާގެޓް ކޮށްފައި މިވަނީ ކުރިއަށް އޮތް 4-5 އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަކީ ޑިގްރީ ފެންވަރަށް ކިޔަވައިދޭ ޓީޗަރުންނަށް ހެދުން." އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނު ކުރެއްވުމަށް، ޤައުމީ ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއި ކުރައްވާފައިވާ ކަމަށާއި، މި އެމްއޯޔޫގެ ދަށުން ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލެއްވި ފުރުސަތުގެ ދަށުން އެއްހާހެއްހާ ޓީޗަރުން މިހާރުވެސް ގެންދަވަނީ ޑިގްރީ ޕްރޮގްރާމް ފުރިހަމަ ކުރައްވަމުންނެވެ.