ޚަބަރު

ކުޑަކުދިންގެ ބަގީޗާ ފެބްރުއަރީމަހު އަލުން ހުޅުވަނީ


ކުޑަކުދިންގެ ބަގީޗާ ބޮޑެތި މަރާމާތުތަކާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު އަންނަ ފެބުރުއަރީމަހުގެ ފަހުކޮޅު އަލުން ހުޅުއްވަވާނެކަމަށް އެމް.އެން.ޑީ.އެފް އިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަރައްޤީކޮށްފައިވާ ކުޑަކުދިންގެ ބަގީޗާ މިދިޔަ މަސްތެރޭގައި ވަނީ މަރަމާތަށް ބަންދުކޮށްފައެވެ. ކުޑަކުދިންގެ ބަގީޗާ މަރާމާތުކޮށް ނިމޭއިރު ބޮޑެތި ބަދަލުތަކެއް އެތަނުން ފެނިގެންދާނެކަމަށް އެމް.އެން.ޑީ.އެފް އިން ހާމަކުރައްވައެވެ.

1998 ވަނައަހަރުގެ އެޕްރީލްމަހުގެ 23 ވަނަ ދުވަހު ހުޅުވާފައިވާ ކުޑަކުދިންގެ ބަގީޗާ އަކީ ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ހުޅުވި ބަގީޗާއެކެވެ. ސިފައިންގެ  ކޯޕަރޭޓިވު ސޮސައިޓީ،  ސިފްކޯއިން ބަލަހައްޓަވާ މި ބަގީޗާ ތަރައްޤީކޮށްފައިވަނީ ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމާއި، އުފާވެރި މަޖާ ވަގުތު ހޭދަކޮށްލާނެ އެކަށޭނެ މާހައުލެއްގެގޮތުގައެވެ. މިގޮތުން ބަގީޗާގައި މާމެލާމެލި ފޮޅޭ ގިނަ ޢަދަދެއްގެ ގަސްތަކާއި މޭވާ އަޅާ ގަސްތައް އަދި ތަފާތު ވައްތަރުގެ ދޫނި ގެންގުޅެމުންދެއެވެ. މީގެ ތެރޭގައި ރާއްޖެއިން ޢާއްމުކޮށް ނުފެންނަ ކުޑަކުދިން ޝަޢުޤުވެރިވާ ޒާތުގެ ދޫނިތައް ގެންގުޅޭކަން ފާހަގަކޮށްލެވެއެވެ.

ކުޑަކުދިންގެ ބަގީޗާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އެތަން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ސްކޭޓްކުރެވޭ ސަރަޙައްދަކާއި، އެކި ޢުމުރުފުރާތަކަށް ކުޅިވަރު ކުޅެވޭނެ އެކި ވަސީލަތްތަކާއެކުއެވެ. އަދި އެތަނުގައި ފެންއަރުވާ ވަޑާމެއްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން އެމް.އެން.ޑީ.އެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް ޢާޒިމް ވިދާޅުވީ، މަރާމާތު ނިމި ކުޑަކުދިންގެ ބަގީޗާ އަލުން ހުޅުވާއިރު އެތަނުގެ ޖާގަ ތަނަސްވެ، ކުޑަކުދިން ޝައުޤުވެރިވާފަދަ ޒަމާނީ ކުޅޭ ސާމާނު އެތަނުގައި ބަހައްޓަވާނެކަމަށެވެ. އަދި ކުޑަކުދިންގެ ބަގީޗާ ފެނިގެންދާނީ ހައިރާންވާފަދަ ބޮޑު ބަދަލުތަކާއެކު ކަމަށްވެސް ޢާޒިމުވަނީ ވިދާޅުވެފައެވެ. މިތަނުގައި މިހާރުވަނީ ކުޅިވަރު ކުޅޭނެ ސާމާނުތައް ބެހެއްޓުމުގެ މަސައްކަތް ފަށާފައެވެ.

ކުޑަކުދިންގެ ބަގީޗާއަކީ ކުޑަކުދިން ކުޅެން ބޭނުންކުރާ ތަނެއްގެ އިތުރުން ސްކޫލްތަކުންނާއި، އަމިއްލަ ޖަމްއިއްޔާ ޖަމާޢައްތަކުން އެތަނުގެ ބޭނުން ކުރަމުންދާ ތަނެކެވެ. އާޒިމް ވިދާޅުވީ އެތަން އަލުން ތަރައްޤީ ކުރެއްވުމަށް ފަހު ކުރިއެކޭ އެއްގޮތަށް ސްކޫލްތަކަށާއި ޖަމިއްޔާ ޖަމާޢަތަކުގެ ހަރަކާތައް ހިންގުމަށް އެތަން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ކުޑަކުދިންގެ ބަގީޗާ މަރާމާތު ކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް އެތަން ބަންދު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.