ވިޔަފާރި

ހޯމަދުވަހަށްފަހު އެމްއެމްއޭއިން ޑޮލަރު ދޫކުރުން ހުއްޓާލަނީ


މިމަހުގެ 8 ވަނަ ދުވަހު ބީއެމްއެލްއިން ދަތުރުވެރިންނަށް ޑޮލަރު ވިއްކެވުމަށް ނިންމެވިނަމަވެސް އާދިއްތަ އަދި ހޯމަދުވަހު ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ޑޮލަރު ވިއްކަވަމުން ގެންދަވާނޭކަމަށް އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ވިއްކެވުމަށް ނިންމެވި ނަމަވެސް އާދިއްތަ އަދި ހޯމަދުވަހު ފުރާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް މަރުކަޒީ ބޭންކުން ޑޮލަރު ވިއްކަމުންދާނޭކަމަށެވެ. ނަމަވެސް ހޯމަދުވަހަށްފަހު ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ވިއްކަމުން ގެންދަވާނީ، ބީއެމްއެލްއިން ހަމަޖައްސަވާފައިވާ އުޞޫލުގެ ދަށުން ބީއެމްއެލް މެދުވެރިކޮށްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ބީއެމްއެލް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ވިއްކަމުންގެންދިޔަ އުޞޫލު ބަދަލުކުރައްވައި، މަރުކަޒީ ބޭންކުން ދަތުރުވެރިންނަށް ޑޮލަރު ވިއްކަވަން ފަށާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. މަރުކަޒީ ބޭންކުން ދަތުރުވެރިންނަށް ޑޮލަރު ވިއްކެވުމަށް ނިންމެވީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ލިބުމުގައި އޭރު އޮތް ދަތިކަމަށް ހައްލެއް ގެންނެވުމުގެ ގޮތުންނެވެ. 

މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެފައިވަނީ، ކޮންމެ އަހަރެއްގެވެސް ބޮޑު ޗުއްޓީ ދުވަސްވަރަކީ ގިނަ ބަޔަކު ޑޮލަރު ހޯދުމަށް ބޭންކުތަކަށް ދާ ދުވަސްވަރެއްކަމަށެވެ. މިގޮތުން ގިނަ ބަޔަކު ބޭންކަށްގޮސް ކިޔޫގައި މަޑުކުރަންޖެހުމުގެ ސަބަބުން ޑޮލަރު ހޯދުމަށް ބޭންކަށް ދާ ފަރާތްތަކުގެ އިތުރުން ބޭންކަށްވެސް އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާންޖެހޭކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.