ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި


މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގެވި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފިއެވެ. 

މިމަހުގެ 2 ވަނަ ދުވަހުގެރޭ 3 ގެއެއް ބަލާ ފާސްކޮށް ފުލުހުން ހިންގެވި އޮޕަރޭޝަނުގައި، މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ދެ ފިރިހެނުންކަމަށް ފުލުހުން ވިދާޅުވެއެވެ. މިއޮޕަރޭޝަނުގައި ބަލާ ފާސްކުރި އެއް ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ރަބަރު ގަނޑު ފެނިފައިވާއިރު، އަނެއް ދެ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ދެ ސެލޯފިންކޮޅުގެ އިތުރުން 35 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.  

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުޤީޤުކުރެއްވުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދެއްވާފައެވެ.