ޚަބަރު

ނައިފަރު ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރެއްވުމުގެ މަސައްކަތް


ޅ.އަތޮޅު ނައިފަރުގައި ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރައްވަން ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެއްވޭނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީން ވިދާޅުވެއްޖެއެވެ.

ނައިފަރުގައި ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވަލޮޕްމަންޓް ބޭންކްގެ ލޯނު އެހީގެ ދަށުންނެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަމަންޓް އެންޑް އެނާރޖީ އަބްދުﷲ މަތީން ވިދާޅުވީ، ނައިފަރުގައި ފެނާ ނަރުދަމާ މަޝްރޫޢަށް ބިޑަށް ހުޅުއްވާލެއްވުމުން ހަތަރު ފަރާތަކުން ކުރިމަތިލައްވާފައިވާ ކަމަށާއި ބިޑްތައް އިވެއުލޭޓް ކުރެއްވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް ދެމަސް ދުވަސް ތެރޭ ނައިފަރުގައި ފެނާ ނަރުދަމާ ޤާއިމްކުރައްވަން ބަޔަކާ ޙަވާލުކުރެއްވޭނެ ކަމަށެވެ. އެހެންނަމަވެސް މި މަޝްރޫޢަށް ޚަރަދުވަނީ ކިހާވަރެއްކަން ސްޓޭޓް މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.

ނައިފަރު ކައުންސިލުން ވިދާޅުވީ، އެރަށުގައި މިހާރު ބޭނުންކުރަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފައި ހުންނަ ފެންކަމަށާއި، މިއީ އެރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ނައިފަރުގައި 5،500 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.

އިސްލާމިކް ޑިވަލޮޕްމަންޓް ބޭންކް، އައިޑީބީގެ ލޯން އެހީގެ ދަށުން މިއަހަރު 5 ރަށެއްގައި ފެނާ ނަރުދަމާ ޤާއިމް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުތަށް ހިންގުމަށް 796.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވެއެވެ. މީގެ ތެރޭގައި ޑޮމެސްޓިކް ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ 88 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ހިމެނެއެވެ.