ސިއްހަތު

މިސްރުން އެތެރެކުރާ ސްޓްރޯބެރީގެ ރައްކާތެރިކަން ކަށަވަރުކުރަނީ


މިސްރުން ރާއްޖެއަށް އެތެރެކުރާ ސްޓްރޯބެރީގައި އެއްވެސް ކަހަލަ ޞިއްހީ މައްސަލައެއް ދިމާވާ ޒާތުގެ އެއްވެސްކަމެއް އުޅޭތޯ ބައްލަވަމުން ގެންދަވާކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެ އޮތޯރިޓީން ވިދާޅުވީ މިސްރުން އެތެރެކުރާ ސްޓްރޯބެރީގައި މިފަދަ މައްސަލައެއް އުޅޭތޯ ޗެކްކުރަން ނިންމީ މިސްރުގެ ކުންފުންޏަކުން އެމެރިކާއަށް އެތެރެކުރި ގަނޑުކުރި ސްޓްރޯބެރީން ތައްޔާރުކުރި ބުއިމެއް ބޮއެގެން އެމެރިކާގެ ބައެއް މީހުން ހެޕަޓައިޓިސް އޭއަށް އިންފެކްޓްވެފައިވާތީ ކަމަށެވެ. މިސްރުން ރާއްޖެއަށް ސްޓްރޯބެރީ އެތެރެކުރާ ކުންފުނިތަކަކީ ކޮބައިތޯބަލާ އެމެރިކާއަށް ސްޓްރޯބެރީ އެތެރެކުރި ކުންފުނިން ރާއްޖެއަށް ސްޓްރޯބެރީ އެތެރެކޮށްފައިވޭތޯ ބައްލަވަމުން ގެންދަވާކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއެވެ. ނަމަވެސް ރާއްޖެއަށް އެތެރެކޮށްފައިވާ ސްޓްރޯބެރީ ބޭނުންކޮށްގެން މިހާތަނަށް ޞިއްހީ އެއްވެސް މައްސަލައެއް ދިމާވެފައިވާކަމަށް ރިކޯޑް ކުރެވިފައި ނެތްކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 73،000 ކިލޯގެ ސްޓްރޯބެރީ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ސްޓްރޯބެރީ އެތެރެކޮށްފައިވަނީ މިސްރުންނެވެ. އެޤައުމުން ވަނީ 27،816 ކިލޯގެ ސްޓްރޯބެރީ އެތެރެކޮށްފައެވެ. މިއީ ރުފިޔާއިން ބަލާނަމަ 4 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސްޓްރޯބެރީއެވެ.