ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ރާއްޖެއިން ބޭރުގެ ދަރިވަރުންވެސް ތަޢުލީމު ހާޞިލްކުރަން އަންނަ ތަނެއްގެ ގޮތުގައިވުމަކީ، ސަރުކާރުން އުއްމީދު ކުރައްވާ ކަމެއްކަމަށް ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީއާއި ބޭރުގެ ބައެއް ޔުނިވަރސިޓީތަކުން ލިބިފައިވާ ސްކޮލަރޝިޕްތަކަށް ހޮވުނު ބައިވެރިންނަށް އެކަމުގެ ލިޔުން ޙަވާލުކުރެއްވުމަށް އިސްލާމީ ޔުނިވަރސިޓީން ރޭ ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބޭރުގެ ބައެއް ޔުނިވަރސިޓީތަކުން ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ލިބިފައިވާ ބައެއް ސްކޮލަރޝިޕްތަކާއި އެ ޔުނިވަރސިޓީގެ ސްޓާފް ޑިވެލޮޕްމަންޓް، ނުވަތަ މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމުގެ ދަށުން ދެއްވި ސްކޮލަރޝިޕްތަކަށް ހޮވުނު ދަރިވަރުންނަށް ލިޔުން ޙަވާލުކުރުމުގެ ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރެވެ.
މި ޙަފްލާގައި ދިހަ ދަރިވަރަކަށް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓުން ދެއްވާފައިވާ ޕީއެޗްޑީގެ 4 ފުރުޞަތާއި ޔުނިވަރސިޓީ އޮފް ބުރުނާއީ ދާރުއްސަލާމުން ދެއްވާފައިވާ ޕީއެޗްޑީގެ 4 ފުރުޞަތާއި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ދެއްވާފައިވާ ޕީއެޗްޑީގެ އެއް ފުރުޞަތާއި މާސްޓަރސްގެ އެއް ފުރުޞަތެވެ.
މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ އިސްލާމީ ތަޢުލީމު ޙާޞިލްކުރުމަށްޓަކައި ބޭރުގެ ޤައުމުތަކުގެ ދަރިވަރުން ރާއްޖެ އަންނާނެފަދަ ތަނަކަށް ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށެވެ.
"މި އިންޑަސްޓްރީ ފުޅާކޮށްގެން އަޅުގަނޑުމެން ވިސްނަންވީ ރާއްޖޭން ބޭރުން ވެސް މި ޔުނިވަރސިޓީ އަށް މީހުން ގެންނަން. އަޅުގަނޑަށް ޔަގީން މި ޔުނިވަރސިޓީގެ ވިސްނުން މިހާރުވެސް އޮތީ އެގޮތަށް އެހެންވުމުގެ ސަބަބުން އެއީ ވަރަށް މުހިންމުކަމެއް ކަންނޭނގެ. އަޅުގަނޑުމެންގެ މި ޔުނިވަރސިޓީ އިތުރަށް ހަރުދަނާކުރުމަށްފަހު ރާއްޖެއިން ބޭރުން ވެސް މި ފުރުޞަތުތައް ހޯދައިގެން އަޅުގަނޑުމެންގެ އިޤްތިޞޯދަށް ލާރި ވަންނާނެ ގޮތަކަށް މިތަން ބަދަލުވެގެން ދިއުން." ފިނޭންސް މިނިސްޓަރ، އަހުމަދު މުނައްވަރު ވިދާޅުވިއެވެ.
ރާއްޖެ އަކީ މަތީ ތަޢުލީމު ޙާސިލްކޮށްގެން ތިބި މީހުން ގިނަ ޤައުމެއް ކަމަށާއި ތަޢުލީމީ ގޮތުން ވާދަވެރިކަން އޮތް މި ފަދަ ޤައުމެއްގައި ސްކޮލަރޝިޕްގެ ފުރުޞަތު ލިބުމަކީ ވަރަށް އަގުހުރި ފުރުޞަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ތަޢުލީމު ޙާސިލްކޮށްގެން އެނބުރި ޤައުމަށް އައިސް މިޤައުމަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ.
މި ޙަފްލާގައި އައިޔޫއެމް ގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި އައިޔޫއެމްގެ ތަރައްޤީއަށް ބޭރުގެ ޔުނިވަރސިޓީތަކުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
"އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ ތަރައްޤީކުރެއްވި ފަދައިން އަޅުގަނޑުމެންގެ މި ޔުނިވަރސިޓީވެސް ތަރައްޤީގެ މަގުން ކުރިއަށް ގެންދިއުމަށް މި ޒަމާނުގެ މީހުން ޤަބޫލުކުރާ ފަދަ ފަލްސަފާތަކުގެ ތެރޭގައި ކުރިއަށް ދިއުމަށް މި ޔުނިވަރސިޓީއަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވަން އެބޭފުޅުން ތިބީ ތައްޔާރަށް." އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މުހައްމަދު ޝަހީމު އަލީ ސަޢީދު ވިދާޅުވިއެވެ.
ސްކޮލަރޝިޕް ލިބުނު ދަރިވަރުންނާއި މުޚާޠަބުކުރައްވައި ޑރ. ޝަހީމް ވިދާޅުވީ ވަޒީފާއަށްޓަކައި ތަޢުލީމު ޙާޞިލްނުކުރުމަށާއި ތަޢުލީމު ޙާޞިލްކުރަންވާނީ ޤައުމަށާއި އުއްމަތަށް ޚިދުމަތްކޮށް ޢިލްމު ފެތުރުމަށް ކަމަށެވެ.