ޚަބަރު

އެއަރޕޯޓުގައި ހިނގި ހާދިސާގައި ޒަޚަމްވި މީހާގެ ހާލު ބައްލަވައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އާދީއްތަދުވަހު ހިނގި ޙާދިސާގައި ޒަޚަމްވި މީހާ ގާތަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ސަރުކާރުގެ ފަރާތުން ޒިޔާރަތްކުރައްވައި އޭނާއާއި އޭނާގެ ޢާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

އެއަރޕޯޓްގައި ހިނގި ޙާދިސާއަކީ، ލ.އަތޮޅުން ބަލިމީހަކު ގޮވައިގެން އައި މިލިޓަރީ ހެލިކޮޕްޓަރެއް ވެލާނާ އިންޓަރނޭޝަނަށް އެއަރޕޯޓަށް ތިރިކުރުމަށްފަހު ގެނައި މޫވްމަންޓެއްގައި، މަތިންދާބޯޓަށް މީހުން އަރައި ފޭބުމަށް ބޭނުންކުރާ ސިޑިއެއްގައި ހެލިކޮޕްޓަރުގެ ބުރަފަތި ޖެހިގެން ހިނގި ހާދިސާއެކެވެ. މިހާދިސާގައި ދެ މީހަކަށް އަނިޔާވިއެވެ.

މިޙާދިސާގައި ސީރިއަސް އަނިޔާ ލިބުނު މީހާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ޑިފެންސް މިނިސްޓަރ ވަނީ ޒަޚަމްވި މީހާއާއި އޭނާގެ ޢާއިލާއާ ހޮސްޕިޓަލްގައި މިއަދު ބައްދަލުކުރައްވައި ޙާލަތު ބައްލަވާލައްވައި އޭނާއަށް ސަރުކާރުގެ ފަރާތުން ޚާއްޞަ ގޮތެއްގައި އެހީތެރިވެދެއްވާނެކަން އަންގަވާފައެވެ. 

ޕީއެސްއެމްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ އޭނާގެ ޙާލު ރަނގަޅުވަމުން އަންނަކަމަށެވެ. އަދި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުން ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޭނާއަށް އާސަންދަ މެދުވެރިކޮށް އިތުރު އެހީތެރިކަމެއް ބޭނުންވާނަމަ ސަރުކާރުން އެކަން ހަމަޖައްސަވައިދެއްވާނެކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.