ސަރުކާރުން ހިންގަވާ ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވުމުގެ ނިޒާމް ޤާއިމްކުރައްވައިފިއެވެ.
މިއީ، ސްކޫލްތަކަކީ ވަޞީލަތްހަމަ އަދި ދަރިވަރުންނަށް ރައްކާތެރި ތަންތަނަށް ހެއްދެވުމުގެ ގޮތުން ޤާއިމްކުރެއްވި ނިޒާމެކެވެ. ސްކޫލްތަކުގައި އަލިފާން ނިއްވުމުގެ ނިޒާމް ހަރުކޮށް ބެލެހެއްޓުން ސިފައިންގެ ވެލްފެއަރ ކުންފުނި، ސިވެކްއާ އެޑިއުކޭޝަން މިނިސްޓްރީން ޙަވާކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޙުސައިން ރަޝީދު ވިދާޅުވީ ސްކޫލްތަކުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރައްވައި، އެކަން ހަރުދަނާގޮތެއްގައި ބެލެހެއްޓެވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ސްކޫލްތަކަށް ޚާއްޞަކުރައްވައިގެން އިމަޖެންސީ އޮޕަރޭޝަން ޕްލޭން އެކުލަވާލައްވައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިވި ހަރުކުރައްވާފައިވާ ކަމަށެވެ.
ސަރުކާރުގެ ސްކޫލްތަކުގައި ޤާއިމް ކުރައްވާފައިވާ މި ނިޒާމްތައް ބަލެހެއްޓުމުގެ މަސައްކަތް ކުރައްވަމުންދާނީ އެ ސްކޫލަކާއި ގުޅިވަޑައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ސިފައިންގެ މަރުކަޒުތަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ހަމައެހެންމެ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިހާރު ވަނީ ކުއްލި ޙާލަތްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ލިބިދެއްވުމަށްޓަކައި ރާއްޖޭގެ 215 ސްކޫލެއްގައި އިމަޖެންސީ އޮޕަރޭޝަން ޕްލޭން ތައްޔާރު ކުރައްވާފައެވެ. އަދި މި ޕްލޭންގެ ދަށުން އެމްއެންޑީއެފްއާއި، ރެޑް ކްރެސެންޓާ ގުޅިވަޑައިގެން ސްކޫލުތަކުގައި ޓްރެއިނިން ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.