ޚަބަރު

މާލީ ބަޔާން ތައްޔާރުކުރުމާބެހޭ ތަމްރީން ކައުންސިލްތަކަށް ދީފި


ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާންތައް ތައްޔާރުކުރެއްވުމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ހުރިހާ ކައުންސިލްތަކުގެ ކަމާގުޅުން ހުރި މުވައްޒަފުން ތަމްރީން ކުރައްވާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ޚާއްޞަ ކުރައްވައިގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގަވާފައިވާ ކަމަށް އެ އިދާރިން ވިދާޅުވިއެވެ. މި ޕްރޮގްރާމް ހިންގަވާފައިވަނީ އަތޮޅުތަކުން ވަކި ޢަދަދަކަށް މީހުން މާލެ ގެންނަވައި، މިކަމުގެ ތަމްރީން އެމީހުންނަށް ދެއްވައިގެންނެވެ. އަދި އެމީހުން އަތޮޅުތަކަށް ފޮނުއްވައި އެމީހުން މެދުވެރިކުރައްވައި ހުރިހާ ކައުންސިލެއްގެ މުވައްޒަފުން ތަމްރީން ކުރެއްވީކަމަށް އޮޓިޑަރ ޖެނެރަލް އޮފީހުން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޓެކްނިކަލް މެނޭޖަރ މުހައްމަދު ނަސީމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކައުންސިލަކުން ބައިވެރިވި ބައިވެރިންނަށް، މި ޕްރޮގްރާމްގެ ތެރެއިން އިންޓަނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިން ސްޓޭންޑެޑްގެ ކޭޝް ބޭސިސްއަށް ކައުންސިލްތަކުގެ މާލީ ހިސާބު ތައްޔާރު ކުރައްވާނެ ގޮތުގެ ހުނަރު ދަސްކޮށްދެއްވާފައިވާ ކަމަށެވެ. އަދި އޮޑިޓް އޮފީހުގެ އުންމީދަކީ މި ނިމުނު މަސައްކަތު ބައްދަލުވުންތަކުގެ ސަބަބުން ކައުންސިލްތަކުގެ މިއަހަރުގެ މާލީ ބަޔާންތައް ހުށަހަޅުއްވާއިރު ފުރިހަމަ ބަޔާންތަކެއް ލިބިގެން ދިއުން ކަމަށް ނަސީމް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ދަށުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ކަމާގުޅުން ހުރި މުވައްޒަފުންނަށް ތަމްރީނު ދެއްވައި ނިންމާލެވުނުއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 376 މުވައްޒަފުން މާލީ ބަޔާން ތައްޔާރުކުރަން ދަސްކޮށްދެއްވުނު ކަމަށް އޮޑިޓް އޮފީހުން ވިދާޅުވެއެވެ.