ކުޅިވަރު

މިދިޔަ 5 އަހަރު ވިކްޓްރީން ނުފެންނަ ވަރުގެ ޓީމެއް މިއަހަރު!


ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވިކްޓްރީން ނުފެންނަ ވަރުގެ ވަރުގަދަ ޓީމެއް މި އަހަރުގެ ސީޒަންގައި ވިކްޓްރީން ފެންނާނެކަމަށް އެ ކްލަބްގެ ޗެއާޕާސަންގެ މަގާމަށް މިރޭ އިންތިޚާބުވެވަޑައިގެންނެވި އިބްރާހިމް ނަޒީމް ވިދާޅުވެއްޖެއެވެ.

މިރޭ އޮތް ވިކްޓްރީގެ އިންތިޚާބުގައި އެ ކްލަބްގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިޚާބުވެވަޑައިގަތީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ފުރިހަމަ އަޣްލަބިއްޔަތާއިއެކުގައެވެ. ވިކްޓަރީގެ ޗެއާޕާސަންގެ މަގާމް ހުސްވީ އެ މަގާމަށް އެންމެ ފަހުން އިންތިހާބުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް، އިންތިހާބުކުރަން ބޭއްވި ޖަލްސާ ހޯމް މިނިސްޓްރީން ބާތިލްކުރުމުންނެވެ.

 ޗެއާޕާސަންގެ އިތުރުން ވިކްޓްރީގެ އެކްސްކޯގެ ހުސްވެފައިވާ ދެ ބޯޑް މެމްބަރުން މެންބަރުންވެސް މިރޭވަނީ އިންތިޚާބުކޮށްފައެވެ. ބޯޑް ދެ މެންބަރުންނަށް އިންތިޚާބުކޮށްފައިވަނީ އަޙުމަދު އަރީޝް އަދި އިބްރާހިމް އާދަމްމަނިކެވެ.

މަގާމާއި ހަވާލްވުމަށްފަހު ނަޒީމް ވިދާޅުވީ ވިކްޓްރީގެ ހިންގުން މިދިޔަ ދެ ތިން އަހަރު އޮތީ ވަރަށް ނާޒުކު ދަނޑިވަޅެއްގައިކަމަށާއި، ވިކްޓްރީގެ ހަގީގީ މަގާމަށް އެ ކްލަބް ގެންދިޔުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށެވެ. މިއަހަރުގެ ސީޒަނަށް ކްލަބް ތައްޔާރިވެފައިވަނީ ކިހާވަރަކަށްކަން ނޭނގި ހާސްވެފައިތިބި ސަޕޯޓަރުންނަށް ނަޒީމްވަނީ އުފާވެރި ޚަބަރެއްވެސް ދެއްވާފައެވެ.

 ނަޒީމް ވިދާޅުވީ ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި 2017ގެ ސީޒަންގައި ވިކްޓްރީއާއި އަލަށް ގުޅުނު ކުޅުންތެރިންނާއިއެކު އެގްރީމެންޓްގައި ސޮއިކޮށް ހާމަކުރާނެކަމަށެވެ.

"ކުޅުންތެރިންނާއި ވާހަކަދައްކައި އެގްރީމެންޓާއި ހަމައަށް މިހާރުވަނީ އާދެވިފައި، އިދާރީ ބައެއް ކަންތައްތައް ނުނިމި ހުރީ މިހާރު، ސަޕޯޓަރުން ކައިރީގައި ބުނެލަން އޮތީ މިދިޔަ ފަސް އަހަރު ނުފެންނަ ވަރުގެ ވަރުގަދަ ޓީމެއް މި އަހަރު ވިކްޓްރީން ފެންނާނެއޭ"

ކުރިއަށް އޮތް ސީޒަނަށް ވިކްޓްރީއާއި ގުޅުނު ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން ހިމެނޭކަމަށާއި، އަދި ރާއްޖޭގައި މޮޅު ކުޅުމެއް ދައްކާފައިވާ ބިދޭސީ ކުޅުންތެރިންނާއިވެސް ވާހަކަދައްކައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ނަޒީމް ފާހަގަކުރެއްވިއެވެ.

 ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެންމެ ދުވަސްވީ އަދި އެންމެ ފާހަގަކޮށްލެވޭ އެއް ކްލަބްކަމަށްވާ ވިކްޓްރީ 2012ގެ ފަހުން އަޑިއަޅާލާފައިވީ ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު ހަވާލްވި މެނޭޖްމަންޓާއެކު އެ ކްލަބަށް އަންނަނީ ހެޔޮ ބަދަލްތަކެއް އަންނަމުންނެވެ.