ވިޔަފާރި

2016ގެ ނޮވެމްބަރާ ހަމައަށް 73،000 ކިލޯގެ ސްޓޯބެރީ އެތެރެކޮށްފަވޭ


މިދިޔަ އަހަރުގެ ޖެނުއަރީން ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއަށް 73,000 ކިލޯގެ ސްޓޯބެރީ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު އެތެރެކުރި ޢަދަދަށް ވުރެ އިތުރު ޢަދަދެކެވެ.

މިއަހަރުގެ އެހެން މަސްމަހާ އަޅާބަލާއިރު މި ހިނގާ ޑިސެމްބަރު މަހު ސްޓޯބެރީގެ އަގު މިވަނީ ވަރަށް ބޮޑަށް ދައްވެފައެވެ. އާންމުކޮށް ރާއްޖޭގެ ފިހާރަތަކުން 50 ރުފިޔާއާއި 70 ރުފިޔާ ވިއްކަމުން އައި ސްޓޯބެރީ ފޮއްޓެއް މިހާރު ވިއްކަނީ 15 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ސްޓޯބެރީގެ އަގު ދަށްވެފައިވަނީ ރާއްޖެއަށް ސްޓޯބެރީ އެތެރެކުރާ މިންވަރު އިތުރުވެ، ސްޓޯބެރީގެ އަގު ދަށްވުމުން ކަމަށް ވިޔަފާރިތަކުން ބުނެއެވެ. img:http://s1.psmnews.mv/images/660x400/14833535071506.jpg|ސްޓްރޯބެރީ - ފޮޓޯ: ސޯޝަލް މީޑިއާ / ފަޒްނާ ހަމީދު

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖެނުއަރީން ނޮވެމްބަރުގެ ނިޔަލަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސްޓޯބެރީ ވަނީ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ސްޓޯބެރީ އެތެރެކޮށްފައިވަނީ ޔުނައިޓެޑް ޢަރަބް އެމިރޭޓްސުންނެވެ. އެޤައުމުން ވަނީ 27،816 ކިލޯގެ ސްޓޯބެރީ އެތެރެކޮށްފައިވެއެވެ. މިއީ ރުފިޔާއިން ބަލާއިރު 4 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސްޓޯބެރީއެވެ. ނަމަވެސް މިއީ ފާއިތުވެދިޔަ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ރާއްޖެއަށް އެތެރެކުރި ސްޓޯބެރީގެ ޢަދަދުގެ ނިސްބަތުން ދަށް ޢަދަދެކެވެ.

އަރަބި އެމިރޭޓްސްއިން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީން ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއަށް 29،000 ކިލޯއަށްވުރެ ގިނަ ސްޓޯބެރީ އެތެރެކޮށްފައިވެއެވެ. 2 ވަނައަށް އެންމެގިނައިން ސްޓޯބެރީ އެތެރެކޮށްފައިވަނީ އޮސްޓްރޭލިއާއިންނެވެ. އެޤައުމުން ވަނީ ރާއްޖެއަށް 13،339 ކިލޯގެ ސްޓޯބެރީ އެތެރެކޮށްފައިވެއެވެ. މިއީ 2 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސްޓޯބެރީއެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ސްޓޯބެރީ އެތެރެކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޤައުމަކީ ފްރާންސެވެ. 2014 ވަނަ އަހަރު ފްރާންސުން ރާއްޖެއަށް އެތެރެކޮށްފައިވަނީ 894 ކިލޯގެ ސްޓޯބެރީއެވެ. އަދި 2015 ވަނަ އަހަރު އެތެރެކޮށްފައިވަނީ 1،070 ކިލޯގެ ސްޓޯބެރީއެވެ. މިޢަދަދު 2016 ވަނަ އަހަރު މިވަނީ 13،181 ކިލޯއަށް އިތުރުވެފައެވެ. އެހެންކަމުން ފްރާންސުން މިއަހަރުގެ ރާއްޖެއަށް އެތެރެކުރި ސްޓޯބެރީގެ ޢަދަދު މިވަނީ 12،000 ކިލޯ އިތުރުވެފައެވެ.