ޚަބަރު

ދިއްދޫ ހައުސިންގ ޔުނިޓްތައް ލިބޭ މީހުންގެ ލިސްޓް އިޢުލާނުކުރަނީ


ހއ. ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރެއްވި ހައުސިންގ ޔުނިޓްތައް ލިބޭ މީހުންގެ ލިސްޓް ލަހެއް ނުވެ އިޢުލާން ކުރެއްވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމުގައި މިރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓް ފައިނަލް ކުރެއްވުމަށް ހައުސިންގ މިނިސްޓްރީއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. ދިއްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ވަނީ ދިއްދޫގައި 250 ހައުސިންގ ޔުނިޓް ޢިމާރާތް ކުރައްވާފައިވެއެވެ.

ހަތަރު ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ މިރަށުގެ އުތުރުފަރާތު ހިއްކި ސަރަޙާއްދުގައި ވަނީ 250 ހައުސިންގ ޔުނިޓް ޢިމާރާތް ކޮށްދެއްވާފައިވެއެވެ. އޭގެ ތެރެއިން ގިނަ ޔުނިޓްތަކުގެ މަސައްކަތް ނިމިފައިވާއިރު 72 ޔުނިޓްގެ ފިނިޝިންގ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ދިއްދޫ ކައުންސިލުން ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ޔުނިޓްތަކުގެ މަސައްކަތްވެސް ނިންމާލެވޭނެ ކަމަށެވެ. ދިއްދޫގައި ޢިމާރާތްކުރައްވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 125 ޔުނިޓް ޚާއްޞަ ކުރައްވާފައިވަނީ މިރަށު ރައްޔިތުންނަށެވެ. އެހެން ރަށްރަށުން ދިއްދުއަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް 15 ޔުނިޓް ކަނޑައަޅުއްވާފައިވާއިރު، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ކަނޑައަޅުއްވާ ބަޔަކު ދިއްދުއަށް ބަދަލު ކުރެއްވުމަށް 70 ޔުނިޓް ކަނޑައަޅުއްވާފައިވެއެވެ. އަދި ރިއަލް އެސްޓޭޓް އުޞޫލުން 40 ޔުނިޓް ވިއްކެވުމަށް ވަނީ ނިންމަވާފައެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝިނާން ވިދާޅުވީ، ހައުސިންގ ޔުނިޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް ކަނޑައަޅުއްވައި، ފައިނަލް ލިސްޓް ނިންމެވުމަށް ހައުސިންގ މިނިސްޓްރީއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި މިކަން ނުމުމާއެކު ފްލެޓް ލިބޭ މީހުންގެ ނަންތައް އިޢުލާން ކުރައްވާނެ ކަމަށެވެ.

އެއްފަސްކުރެއްވުމުގެ ސިޔާސަތުގެ ދަށުން ހުޅުއްވާލައްވާފައިވާ ފުރުޞަތުގެ ބޭނުންކޮށްގެން، ށ.ނޫމަރާ ރައްޔިތުންގެ ތެރެއިން ބަޔަކު ދިއްދުއަށް ބަދަލުވުމަށް ޝައުޤަވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އެމީހުން އެ ހައުސިންގ ޔުނިޓްތައް ބެލުމަށްފަހު ހިތްހަމަޖެހޭކަން ފާޅުކޮށްފައިވާ ކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވިއެވެ.