ޚަބަރު

"ބްރިޖްގެ 25 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަ ވެފައި"


މާލެއާއި ހުޅުލެއާއި ދެމެދު އަޅުއްވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ޢަމަލީ މަސައްކަތް ފެއްޓެވިތާ، އެއްއަހަރު ދުވަސް ވީއިރު، ބްރިޖްގެ 25 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަ ވެފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ސިފަކުރެއްވިގޮތުގައި މި ފެށޭ 2017 ވަނަ އަހަރު ވެގެންދާނީ، ބްރިޖުގެ މަސައްކަތް ވަރަށްވެސް ހަލުވިމިނެއްގައި ކުރިއަށްގޮސް، ރައްޔިތުންނަށް ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާނެ އަހަރެއްގެ ގޮތުގައެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ވެފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި، ޤައުމުގެ ކުރިއެރުމާއި ގުޅިފައިވާ ވަރަށްވެސް އުއްމީދީ މަޝްރޫޢަކަށެވެ. ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށްޓަކައި ކޮންމެ ދުވަހަކު އެތައް ބަޔަކު، މާލޭ ލޮނުޒިޔާރާތްކޮޅަށް ޖަމާވެ، އެ މަންޒަރުތައް ފޮޓޯނަގާ، ވީޑިއޯ ކުރާކަމީ މިއަދު އަޅުގަނޑުމެންނަށް ފެންނަށް އޮތް ހަޤީޤަތެކެވެ.

ހުޅުލެއާއި މާލެއާ ދެމެދު ސަރުކާރުން ހައްދަވާ ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު ހުންނާނެއެވެ. އަދި ބްރިޖްގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ 4 ލޭން އޮންނާނެއެވެ. ހަމައެހެންމެ ސައިކަލް ދުއްވަން ވަކި ޚާއްޞަ ލޭނެއް އޮންނާނެއެވެ. ބްރިޖްގެ މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާއިރު، މައި ބްރިޖްގެ ފަސް ތަނބުގެ ތެރެއިން ހުޅުލޭކޮޅުން ހަދާ ފުރަތަމަ ތަނބުގެ ކޮންކްރީޓް ފައުންޑޭޝަން މަސައްކަތް މިދިޔަ ނޮވެމްބަރު މަހު ވަނީ ފަށާފައެވެ. އަދި މައި ތަނބުގެ ފައުޑޭޝަން އެޅުމަށް ބޭނުންވާ ހުރިހާ ޕައިލްތައް ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޖަހާ ނިންމާފައިވެއެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، 2017 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް މެއިން ބްރިޖަށް ބޭނުންވާ ހުރިހާ ޕްލެޓްފޯމްތަކަކާއި، ތަނބުތަކުގެ ކޮންކްރީޓް މަސައްކަތްތައް މިއަންނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ.

2016 ވަނަ އަހަރު ބްރިޖްގެ މަސައްކަތްތަކަށް ލިބިގެންދިޔަ ކުރިއެރުންތަކަށް އިޝާރާތްކުރައްވާ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބްރިޖާއި ގުޅުންހުރި އެންމެ ބުރަ އަދި އެންމެ ގިނަ ވަގުތުނަގާ ކަންކަން ފާއިތުވި އަހަރުގެ ތެރޭގައި ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ކަނޑުއަޑީގައި ތޮރުފަން ހަމަޖެހިފައިވާ ބޯ-ހޯލްގެ މަސައްކަތާއި، ތަނބުތަކަށް ބޭނުންވާ ޕައިލްތައް ޖެހުމާއި، ޕައިލްތަކުގެ ކޮންކްރީޓް މަސައްކަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެންމެ އުނދަގޫ މަސައްކަތްތައް ހިމެނޭގޮތަށް ބްރިޖްގެ 25 އިންސައްތަ މަސައްކަތް މިހާރު މިވަނީ ނިމިފައި. ދެން ހުރި މަސައްކަތްތަކަކީ ނިސްބަތުން ފަސޭހަ މަސައްކަތްތަކެއް. ކަނޑުގެ އަޑިއަށް ޖަހަންޖެހޭ ހޮޅިތައް ޖެހުމާއި، ފައުންޑޭޝަނަށް ކުރަންޖެހޭ މަސައްކަތް މިއީ އެންމެ އުނދަގޫ މަސައްކަތް. އެކަން މިވަނީ 2016 ވަނަ އަހަރުގެ ތެރޭގައި ފުރިހަމަކޮށްފައި. މިއީ ލިބުނު ވަރަށްވެސް ބޮޑު ކުރިއެރުމެއް" ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ބްރިޖްގެ މަޝްރޫޢަށް 210 މިލިއަން ޑޮލަރު ޚަރަދުވާއިރު، ޗައިނާ ސަރުކާރުން 124 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް މި މަޝްރޫޢަށް ދެއްވާފައިވެއެވެ. އަދި މުޅި މި މަޝްރޫޢު ކުރިއަށްދަނީވެސް ޗައިނާ ސަރުކާރުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. އެގޮތުން ބްރިޖްގެ މަސައްކަތް ހަލުވިކުރުމަށްޓަކާ، ބްރިޖަށް ބޭނުންވާ ސުޕަރ-ސްޓްރަކްޗަރ ޗައިނާގައި ހެދުމަށްފަހު ރާއްޖެ ގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ބްރިޖާއި ގުޅިގެން އިތުރު މަސައްކަތްތަކެއްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހޯއްދަވައި ދެއްވުމަށްޓަކައި، މާލޭ ލޮނުޒިޔާރާތްކޮޅުގައި ބްރިޖް ވިއުވިންގ ޕްލެޓްފޯމެއް އެޅުއްވުމުގެ މަސައްކަތް ނިއުޕޯޓާއި ޙަވާލުކުރައްވައިގެން ގެންދަވަނީ ކުރައްވަމުންނެވެ. ހަމައެހެންމެ ބްރިޖާއި ގުޅުވައިގެން، ހުޅުލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރުމަށްޓަކައި ޒަމާނީ ފެންވަރުގެ މަގެއް ހެއްދެވުމުގެ މަސައްކަތްވެސް އެޗް.ޑީ.ސީއާއި ސަރުކާރުން ދާދިފަހުން ވަނީ ޙަވާލުކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ ބްރިޖްގެ މަސައްކަތް 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމަވާލެއްވުމެވެ.