ޚަބަރު

ފްލެޓްތަކުގެ މަސައްކަތް ނުފެށުމުން ޓާޓާ ކުންފުންޏަށް ނޯޓިސް ދީފި


ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމާއި މާފަންނު އޯޑިއޯން ފިހާރަ ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ނުފަށައި ލަސްވަމުންދާތީ، އެ މަސައްކަތް ޙަވާލުކޮށްފައިވާ ކޮންޓްރެކްޓަރަށް 3 މަސްދުވަހުގެ ނޯޓިސްއެއް ހައުސިންގ މިނިސްޓްރީން ފޮނުއްވައިފިއެވެ. 

އޯޑިއޯން ހުރި ބިމާއި ކުރީގެ ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފެންވަރުގެ 120 ފްލެޓު އެޅުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ޓާޓާ ކުންފުންޏާއެވެ. މި 120 ފްލެޓްގެ ޢަމަލީ މަސައްކަތް މިދިޔަ މޭމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.

ނަމަވެސް މިފްލެޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައެއް ނުވެއެވެ. ހައުސިންގ މިނިސްޓްރީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޓާޓާ ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން، އޯޑިއޯނާއި ނާދީ ހުރި ބިމުގައި ލަގްޒަރީ ފެންވަރުގެ ފްލެޓްތަކެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވީނަމަވެސް، މިއަދާ ހަމައަށްވެސް އެކަމުގެ ޢަމަލީ މަސައްކަތް ފަށާފައިނުވާކަމަށެވެ. އަދި މިއީ ސަރުކާރުން ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށާއި، ފްލެޓްތަކުގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ، އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ފިޔަވަޅު އެޅުއްވުމަށްޓަކައި 3 މަސްދުވަހުގެ ނޯޓިސް މިހާރު ފޮނުއްވާފައިވާކަމަށެވެ. 

img:http://s1.psmnews.mv/images/660x400/14729994955829.jpg|ހައުސިންގެ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ - ފައިލް ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ މުޢިއްޒު ވިދާޅުވީ، މި ފްލެޓްތަކުގެ މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނުފަށައިފިނަމަ، އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލައްވާނެކަމަށެވެ.

"އަޅުގަނޑުމެން އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ސަރުކާރުން ދެއްވަންޖެހޭ ހުރިހާ ހުއްދައެއް ދެއްވާތާ ވަކި މުއްދަތެއްގެ ތެރޭގައި ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށް. އެހެންނަމަވެސް މުއްދަތު ހަމަވިއިރުވެސް މަސައްކަތް ފަށާފައެއްނުވޭ. އެހެންކަމުން ސަރުކާރުން މިހާރުވާނެ އެގްރީމެންޓުގައި ބުނާގޮތަށް، "ނޯޓިސް އޮފް ބްރީޗް" އެކުންފުންޏަށް އިޝޫކޮށްފައި. އެއީ 90 ދުވަހުގެ ނޯޓިސްއެއް. އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުފަށައިފިނަމަ، އަޅުގަނޑުމެން އެ އެއްބަސްވުން ބާތިލް ކުރާނަން" މިނިސްޓަރ ވިދާޅުވިއެވެ. 

މާލޭގެ 4 ބިމެއްގައި ފްލެޓް އެޅުމަށް އިންޑިޔާގެ ޓާޓާ ކުންފުންޏާ ސަރުކާރުން ޙަވާލުކުރައްވާފައިވާއިރު، ކުރީގެ ޢަރަބިއްޔާ ސްކޫލް ހުރި ބިމާއި، ގާކޮށީގައި އަޅާފައިވާ 288 ފްލެޓްގެ މަސައްކަތް ހަމަ އެކުންފުނިން ނިންމައި، އެ ދެތަން މިހާރު ވަނީ ސަރުކާރާ ޙަވާލުކޮށްފައެވެ. 

ޓާޓާ ކުންފުނިން މާލޭގައި އަޅާ ލަގްޒަރީ ފެންވަރުގެ ފްލެޓްތަކުގެ ތެރެއިން، އޯޑިއޯން ހުންނަ ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ ވަނީ 45 ފްލެޓެވެ. އަދި ނާދީހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ 75 ފްލެޓެވެ.