ޚަބަރު

"މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް ހަލުވި ސްޕީޑުގައި ކުރާނަން"


ރައްޔިތުންގެ ހައްޤުގައި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މިއަހަރުވެސް ހަލުވި ސްޕީޑުގައި މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު ވިދާޅުވެއްޖެއެވެ.

މީލާދީ އައު އަހަރުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ، ކަނޑައެޅިފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ހަލުވި ދުވެލީގައި ކުރިއަށް ދާންޖެހޭ ކަމަށެވެ. މިއަމާޒަށް ދަތުރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ބޮޑެތި ޢަދަދުތަކެއް ކަނޑައަޅުއްވާފައިވާކަން މަސީޙް ފާހަގަކުރެއްވިއެވެ.

"މިހާރު ދުނިޔޭގެ ކަންކަން ހިނގަމުންދާގޮތަށް ބަލާއިރު، ތަރައްޤީގެ ހަތަރު އަނގޮޅި ކަންމަތީގައި ހުއްޓި ތިބެވޭކަށްނެތެވެ. އޮޓޮމެޓިކް މޯޑުގައި ތިބެވޭކަށް ނެތެވެ. ކަނޑައެޅިފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ފިސާރި ކެރިގެން މަޑުކުރުމެއްނެތި ހަލުވި ދުވެލީގައި ކުރިއަށްދާން ޖެހެއެވެ. މިއަމާޒަށް ދަތުރުކުރުމުގައި 2017 ވަނަ އަހަރު ދިވެހިރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީ ޙާސިލްކޮށްދިނުމުގެ ކަންތައްތައް މިހާރުވެސް އެދަނީ ހިނގަމުންނެވެ." ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން މިދިޔަ 2016 ވަނަ އަހަރަށް ބާލާއިރު، ގިނަ ކަންތައްތަކެއް މަޖިލީހުން ވަނީ ނިންމަވާފައެވެ. އަދި މަޖިލީހަށް މިދިޔަ އަހަރު ލިބިފައިވާ މަސައްކަތްތަކުގެ ތެރެއިން %97.6 ގެ އުފެއްދުންތެރިކަން ހާޞިލްކުރެވިފައިވާ ކަމަށް މަޖިލީހުގެ ރައީސް ވަނީ ކުރިން ހާމަކުރައްވާފައެވެ.