ޚަބަރު

ދަރުމަވަންތަ ރަސްގެފާނު - ދިވެހި ތާރީޚު ބަދަލުކޮށްލި ވެރިއެއް


ތާރީޚުގެ ފަތްފުއްތަކުން ފެންނަ ގޮތުގައި ދިވެހިރާއްޖެ އިސްލާމްވިކަމަށް ބެލެވިފައިވަނީ ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ބެލެވެނީ ދިވެހިރާއްޖޭގެ އެއިރުގެ ރަދުން އިސްލާމް ދީނަށް ވަދެވަޑައިގަތް އެންމެހައި ދިވެހިރައްޔިތުން އިސްލާމްދީނަށް ވަނުމަށް އަމުރުކުރެއްވި ދުވަހުއެވެ.

ދިވެހި ތާރީޚުން އެނގެން އޮތް ގޮތުގައި އިސްލާމްވުމުގެ ކުރިން ދިވެހިން ތިބީ ބުދު ދީނުގައެވެ. ބައެއް ފޮތްތަކުގައި ދިވެހިން ތިބީ ބުދު ދީނާއި ހިންދޫ ދީނުގައި ކަމަށް ވެސް ލިޔުއްވާފައިވެއެވެ.

ރާއްޖެ އިސްލާމްވިތާ 800 އެތައް އަހަރެއް ވެފައިވާއިރު ރާއްޖެ އިސްލާމްކުރެއްވި ރަސްގެފާނު، ދަރުމަވަންތަ ރަސްގެފާނުގެ ނަފުޅު ފާހަގަކުރެވިފައިވަނީ ދިވެހި ޤައުމަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ވެރިއެއްގެ ގޮތުގައެވެ.

އެގޮތުން އެމަނިކުފާނު އެންމެ ބޮޑަށް މަސައްކަތްޕުޅުކުރެއްވީ ދިވެހިން އިސްލާމްދީނަށް ވެއްދުމަށްފަހު ދިވެހިންނަކީ އެދީނުގެ މަތީގައި ދެމިތިބި ބަޔަކަށް ހެއްދެވުމަށެވެ. ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް ވެއްދެވުމަށް ދަރުމަވަންތަ ރަސްގެފާނު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ރަދުންގެ އިސް ބޭފުޅުން ފޮނުއްވަވާ ދިވެހިން އިސްލާމްދީނަށް ވަނުމަށް ގޮވާލެއްވިއެވެ. އަދި އޭގެފަހުން ރާއްޖޭގައި އިސްލާމީ ދައުލަތެއް ބިނާކޮށްދެއްވި ފުރަތަމަ ވެރިޔާއަށް ދަރުމަވަންތަ ރަސްގެފާނު ވެވަޑައިގެންނެވިއެވެ.

ދެން އެރަދުން ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ މިސްކިތްތައް ބިނާކުރެއްވުމާއި، ދީނުގެ ރުކުންތަކައި ވާޖިބުތައް ދިވެހިންނަށް ދަސްކޮށްދެއްވުމެވެ. މިކަމަށްޓަކައި އެމަނިކުފާނު ގިނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ކަމަށް ތާރީޙް ދިރާސާކޮށް ލިޔުއްވާ ފަރާތްކުން ވިދާޅުވެއެވެ.

25 އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު ބިން ޢަބްދުالله ސީރީ ބަވަނަ ދީއްތަ މަހާރަދުންނަށް ދަރުމަވަންތަ ރަސްގެފާނުގެ ނަމުން ނަންދެވުނު ސަބަބެއް ކަމަށް ވަނީ އެމަނިކުފާނުގެ ޚުލްޤު ހެޔޮކަމާއި، މިސްކީނުންނަށް އެހީތެރިވުމާއި ދަރުމައަށް ކޮށްދެއްވި މަސައްކަތްޕުޅުގެ ގިނަކަމުންނެވެ. ދިވެހިންގެ ތެރޭގައި މިއަދު ފެންނަމުން މިދާ އެބައިވަންތަކަމާއި އުޚުއްވަތްތެރިކަން ދިވެހިންގެ ތެރޭގައި އަށަގެންނެވުމަށް އެންމެ ބޮޑު މަސައްކަތްޕުޅެއް ކުރެއްވި އެއް ބޭފުޅަކީވެސް ދަރުމަވަންތަ ރަސްގެފާނުކަމަށް ތާރީޚު ހެކިދެއެވެ.

ދިވެހިރާއްޖޭގައި ތަފާތު އެކި ދުވަސްތައް ފާހަގަކޮށް ތަފާތު އެކި ބޭފުޅުންގެ ޒިކުރާ އާލާކުރައްވަމުންދާއިރު އެބޭފުޅުންގެ ޒިކުރާ ދިވެހިން އާކުރަމުންދަނީ އެބޭފުޅުން ދިވެހި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ ސަބަބުންނެވެ. އެއިން ކޮންމެ ބޭފުޅަކުވެސް ޤައުމަށްޓަކައި ކުރެއްވި މަސައްކަތުގައި އެންމެ ފުރަތަމަ އިސްކުރައްވާފައި ވަނީ މާތްވެގެންވާ އިސްލާމްދީނެވެ. މި ދެންނެވި ބޭފުޅުންގެ ތެރެއިން ވެސް ރާއްޖޭގައި އިސްލާމްދީނަށް އެންމެބޮޑު ޚިދުމަތެއް އެންމެފުރަތަމަ ކުރެއްވި ވެރިޔަކީ ދަރުމަވަންތަ ރަސްގެފާނުކަމާއި މެދު ޝައްކެއްނެތެވެ.

ދަރުމަވަންތަ ރަސްގެފާނުގެ ވާހަކަ ނުވަތަ އެމަނިކުފާނު މިގައުމަށް ކޮށްދެއްވި ހިދުމަތް ތާ އަބަދުމެ ދިވެހިން ހަނދާން އާކުރާނެއެވެ. ސަބަބަކީ މިއަދު ދިވެހިން އިސްލާމްކަން މަތީ ދެމިތިބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ދަރުމަވަންތަ ރަސްގެފާނު ކަމަށްވުމެވެ.