ވިޔަފާރި

ކުރީގެ ނޫޓްތައް ބޭންކަށް ޖަމާކުރުމުގެ ސުންގަޑި މިރޭ ހަމަވަނީ


ވިޔަފާރީގެ މުޢާމަލާތްތަކުގައި ބޭނުންނުކުރެވޭ ގޮތަށް އުވާލައްވާފައިވާ ކުރީގެ ނޫޓުތައް އޭޓީއެމް މެދުވެރިކޮށް ޖަމާކުރުމުގެ ސުންގަޑި މިރޭ ބާރަޖެހުމުގެ ނިއަލަށް ހަމަވާނޭކަމަށް ބޭންކް އޮފް މޯލްޑިވްސުން ބުނެފިއެވެ.

މިކަމާއި ބެހޭގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ކޮށްފަވާ ޓްވީޓެއްގައި ވަނީ، ނޫޓުތައް އޭޓީއެމް މެދުވެރިކޮށް ޖަމާކުރުމުގެ ސުންގަޑި މިރޭ ބާރަޖެހުމުގެ ނިއަލަށް ހަމަވާތީ، އެކަމަށް ހުރިހާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ބީއެމްއެލްއިން ބުނީ، އުވާލާފައިވާ ކުރީގެ ނޫޓްތައް މިރޭ ބާރައިގެ ފަހުން އޭޓީއެމް މެދުވެރިކޮށް ޖަމާނުކުރެވޭނޭކަމަށެވެ.

އޭޓީއެމް މެދުވެރިކޮށް ކުރީގެ ނޫޓްތައް ޖަމާކުރުމުގެ ސުންގަޑި މިރޭ ހަމަވާއިރު، ވިޔަފާރީގެ މުޢާމަލާތްތަކުގައި ބޭނުންނުކުރެވޭ ގޮތަށް އުވާލައްވާފައިވާ ކުރީގެ ނޫޓްތަކަށް ބޭންކްތައް މެދުވެރިކޮށް ބަދަލުދެއްވުމުގެ ސުންގަޑިވެސް މިރޭ ބާރައިގެ ނިއަލަށް ހަމަވާނޭކަމަށް މަރުކަޒީ ބޭންކުން ވަނީ ވިދާޅުވެފައެވެ. 

ނަމަވެސް މަރުކަޒީ ބޭންކް މެދުވެރިކޮށް 2021 ވަނަ އަހަރުގެ ޖުލައިމަހުގެ ނިއަލަށް ކުރީގެ ނޫޓްތައް ރަންދިހަ ފަހެއް ނޫޓްތަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނޭކަމަށް އެމްއެމްއޭއިން ފާހަގަކުރައްވައެވެ.

ދިވެހިރާއްޖޭގެ ވިޔަފާރީގެ މުޢާމަލާތްތަކުގައި ބޭނުންކުރެއްވުމަށް ރަންދިހަފަހެއް ނަމުގައި އައު ނޫޓްތަކެއް ތަޢާރަފްކުރައްވާފައިވަނީ، މިއަހަރުގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހުއެވެ. ރަންދިހަފަހެއްގެ އައު ނޫޓް ސީރީޒް ތަޢާރަފް ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުން ފާހަގަކުރުމާ ގުޅުވައިގެނެވެ.