ޚަބަރު

ށ. މިލަންދޫ ސަރުދާރު މައިޒާން ހުޅުވައިފި


ށ.މިލަންދޫގައި ސަރުދާރު މައިޒާނުގެ ނަމުގައި ކުޑަކުދިން ހިތް އުފާކޮށްލުމަށް ޕާކެއް ހުޅުވައިފިއެވެ. މި މައިޒާން ރަސްމީކޮށް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު ޙަސަން މުފީދު އަބްދުލް ޤާދިރެވެ. ސަރުދާރު މައިޒާނަކީ މިލަންދޫ ކައުންސިލާއި، މިލަންދޫ ދާއިރާގެ މެމްބަރުގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ ޕާކެއް ކަމަށް މިލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

މި މައިޒާން ތަރައްޤީކުރުމަށް ޖުމްލަ 429،000 ދިވެހި ރުފިޔާ ޚަރަދުވި ކަމަށް މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒް ޕީއެސްއެމަށް މަޢުލޫމާތު ދެއްވިއެވެ. ށ. މިލަންދޫގައި މިއަދު ހުޅުވި ސަރުދާރު މައިޒާނަކީ ށ. މިލަންދޫ ތަރައްޤީ ކުރުމުގެ ޕްރޮގްރާމުގެ ދަށުން ކުޑަކުދިންނަށް ޚާއްޞަކޮށް ކުޑަކުދިންނަށް ހިތްއުފާކޮށް ކުޅެވޭގޮތަށް ތަރައްޤީކޮށްފައިވާ މައިޒާނެކެވެ.

މި މައިޒާނަށް ސަރުދާރު މައިޒާންގެ ނަމުން ނަންދިނީ މިލަންދޫގައި އިޖުތިމާއީ ކަންކަމަށް އެރަށު އުދަރެސް ޢަލްމަރްހޫމް ޔޫސުފް އަލީ ނުވަތަ ސަރުދާރު ޔޫސުފްބެ ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތް ރަމްޒުކޮށް އެނަން އަގުހުރި މިސާލެއްގެ ގޮތުގައި ދިރުވާ އާލާކުރުމަށް ކަމަށް މިލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.