ޚަބަރު

"އިސްލާމްދީން ނޫން އެހެން ދީނަކަށް އެއްވެސް ޖާގައެއް ނޯންނާނެ"


ދިވެހިންގެ ދީނީ ޢަޤީދާ ބަލިކަށިކޮށްލައި، ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީނަކަށް ފުރުޞަތުދޭން ކުރަމުންގެންދާ މަސައްކަތްތަކާމެދު އިތުރަށް ހޭލުންތެރިވުމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ. 

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ދިވެހިންގެ ދީނީ ޢަޤީދާ ބަލިކަށިކޮށްލައި، ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީނަކަށް ފުރުޞަތުދޭން ކުރަމުންގެންދާ މަސައްކަތްތަކާމެދު އިތުރަށް ހޭލުންތެރިވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަކީ، ހަމައެކަނި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކަށްވާތީ، މިއީ ރާއްޖެއާ ދޭތެރޭ ބޭރުގެ ބައެއް ފަރާތްތަކުން ވަރަށް ކަންބޮޑުވާ މައްސަލައަކަށް ވެފައިވާކަން، ހިތާމައާއެކު ފާހަގަ ކުރައްވާފައިވެއެވެ. ރާއްޖޭގައި ހުރިހާ ދީނަކަށް އުޅުމުގެ މިނިވަންކަން ނެތީތީ، ރާއްޖެއާ ދޭތެރޭ ބައެއް ފަރާތްތަކުން ބައެއް ކަންކަމުގައި ތަފާތުތައް ގެންގުޅެމުންދާކަން އެއީ، އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް އެއްވެސް ޖާގައެއް ނޯންނާނެއެވެ. ބޭރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވި ކަމުގައި ވިޔަސް، ދިވެހިން ތިބޭނީ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގެ މަތީގައިކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވިގޮތުގައި، ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ސިއްރަކީ، އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ލިބިފައިވުމެވެ. އިސްލާމީ މުޖްތަމަޢެއްގައި އެންމެބޮޑު އިސްކަމެއް ދެނީ، ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ، މުޖްތަމަޢުގެ މަޞްލަޙަތަށެވެ. އަދި، މުޖްތަމަޢުގެ މަޞްލަޙަތު ރައްކާތެރި ކުރެވޭނީ، އެ މުޖްތަމަޢެއްގެ އަފްރާދުންގެ ޙައްޤުތައް ރައްކާތެރި ކުރެވިގެންނެވެ. ދިވެހިންނަކީ، އެއްދީނަކަށް ތަބާވެގެންތިބި، އެއްބަހަކުން ވާހަކަދައްކާ މުސްލިމުން ކަމުގައި ވީހިނދު، ދިވެހިންގެ މެދުގައި އޮންނަން ވާނީ އުޚުއްވަތްތެރިކަމުގެ ވަރަށް މަތިވެރި ގުޅުމެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ތަހުނިޔާ ވިދާޅުވެފައިވެއެވެ.