ޚަބަރު

ރާއްޖެ މަތިވެރި އިސްލާމް ދީނުގެ މަތީ ދެމެހެއްޓުމަށް ވިސްނަންޖެހޭ


މި ލޮބުވެތި ދިވެހިރާއްޖެ މަތިވެރި އިސްލާމް ދީނުގެ ހިދާޔަތުގެ މަތީގައި ދެމެހެއްޓުމަށް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމަށް ރާއްޖޭގައި މިއަދު ދެއްވި ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދެއްވި ހުކުރު ޚުޠުބާގައި، އިސްލާމް ދީނުގެ މަތިވެރި ނިޢުމަތާއި އެ ނިޢުމަތުގައި ދިވެހިން ދެމިތިބުމުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ.

މާދަމާއަކީ ރާއްޖޭގައި ފާހަގަކުރެވޭ، ރާއްޖެ އިސްލާމްވި ދުވަހަށްވުމާއެކު، މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދެއްވި ހުކުރު ޚުޠުބާ ޚާއްޞަކުރައްވާފައިވަނީ ދިވެހި ރައްޔިތުންނަށް ލިބިފައިވާ އިސްލާމް ދީނުގެ މަތިވެރި ނިޢުމަތާއި އަދި ދިވެހިން އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ދެމިތިބުމުގެ މައްޗަށެވެ.

ދިވެހިރާއްގައި އިސްލާމް ދީން ދެމެހެއްޓުމަށްޓަކައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށާއި މި ޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާތީ، އެކަމާ ނުރުހޭ ބަޔަކު އެޅޭކަމަށްވެސް ޚުޠުބާގައި ވިދާޅުވެފައިވެއެވެ. އަދި މި ޤައުމު ސައްތައިން ސައްތަ ސުންނީ ޤައުމަކަށްވާތީ އެކަމާ ދެކޮޅުހަދާ ބަޔަކުވެސް އެބައުޅޭކަމަށް ވިދާޅުފައިވެއެވެ. މީގެ އިތުރަށް ދިވެހިރާއްޖެ އިސްލާމްވުމާއެކު، އިސްލާމް ދީނުގެ ދުޝްމަނުން، ރާއްޖެ އިސްލާމް ދީނުން ބޭރަށް ލެވޭތޯ އެތައް މަސައްކަތްތަކެއް ކޮށްފައިވާކަމާއި އަދިވެސް ދަނީ ކުރަމުންކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.

ޚުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި އިސްލާމް ދީނުގެ ނިޢުމަތުގެ ސަބަބުން، ދިވެހިން އެއްބަޔަކަށްވެ، އެކަތިގަނޑަކަށްވިއެވެ.

"މާތް ﷲ އަޅުގަނޑުމެންނަށް ދެއްވި އެންމެ ބޮޑު ނިޢުމަތަކީ، އިސްލާމް ދީނުގެ ނިޢުމަތް.. މި ނިޢުމަތުގެ ސަބަބުން، އަޅުގަނޑުމެން އެއްބަޔަކަށްވެ އެކަތިގަނޑަކަށްވި.. އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު އަޅުގަނޑުމެންނަށް ރައްކާތެރި ކުރެވުނު.. އިސްތިޢުމާރާއި ފިކުރީ ހަނގުރާމައާއި ދީނާއި ޤައުމުގެ ދުޝްމިނުންގެ މަކަރުވެރި ރޭވުންތަކުން ސަލާމަތްވެ، އަމާންކަންމަތީ މި ލޮބުވެތި ވަޠަނަށް ދެމިއޮވެވުނު." ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ޤައުމު ތަރައްޤީއަށްޓަކައި މަސައްކަތްކުރާއިރު، އަޅުގަނޑުމެން އެންމެ އެކަތިގަނޑަކަށްވާން ޖެހިފައިވާކަމަށާއި، ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ މަޞްލަޙަތު ކުރިޔަށް ނެރެން ޖެހިފައިވާކަމަށް ޚުޠުބަގައި ވިދާޅުވެފައިވެއެވެ. އަދި ބޭރުދުނިޔެއަށް ރާއްޖެ ނިކުމެފައިވާ ވަގުތެއްގައި ކޮންމެ މީހަކުވެސް ޤައުމަށް ބޭނުންވާ ހަކަތަ އުފައްދައިދޭ މެޝިނަކަށް ވާންޖެހޭކަމަށާއި، އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވާފައިވާ އިސްލާމްދީނުގެ އަމާނާތް ކުރިޔަށް އޮތް ޖީލުތަކާއި ހަމައަށް ވާޞިލްކޮށްދޭން ޖެހިފައިވާކަމަށްވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފަައިވެއެވެ. ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އިސްލާމް ދީނަކީ ޤައުމު އަމާންތަނަކަށް ހަދައި ޤައުމުގެ އެންމެން އެކުގައި އުޅުމަށް ގޮވާލާ ދީނެވެ.

"އިސްލާމްދީނަކީ، ކުރިއެރުމަށްޓަކައި މަސައްކަތްކުރުމަށް ގޮވާލާ ދީނެއް. އެއީ ތަރައްޤީއަށް ހުރަސްއަޅާ ކަންތައްތަކާ ދުރުހެލިވުމަށް ގޮވާލާ ދީނެއް. އެއީ ޤައުމު ދެކެ ލޯބިވުމަށް ގޮވާލާ ދީނެއް. އެއީ ޤައުމަށް ޣައްދާރުނުވުމަށް ގޮވާލާ ދީނެއް. އެއީ ޤައުމުގެ އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަން ރައްކާތެރިކުރުމަށް ގޮވާލާ ދީނެއް. އެއީ ޤައުމު އަމާންތަނަކަށް ހަދައި ޤައުމުގެ އެންމެން އެކުގައި އުޅުމަށް ގޮވާލާ ދީނެއް." ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ޚުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމުގެ ލަގަން އޮތީ އަޅުގަނޑުމެން ދީނުގައި ހިފެހެއްޓި މިންވަރެއްގެ މަތީގައެވެ. އަދި އަޅުގަނޑުމެންގެ މުޖްތަމަޢު، އަމާން އޮމާން މުޖުތަމަޢަކަށް ހެދޭނީ އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓައިގެންނެވެ.