ވިޔަފާރި

ސްރީލަންކަން އެއަރލައިންސްއިން ރާއްޖެއާ ލަންކާއާ ދެމެދު 2 ދަތުރު


ސްރީލަންކާ އެއާޕޯޓް މަރާމާތުކުރުމުގެ މަސައްކަތް އަންނަމަހު ފަށާތީ ރާއްޖެއާ ސްރީލަންކާއާ ދެމެދު ކުރާ ދަތުރުތައް ދުވާލަކު ދެ ދަތުރަށް މަދުކުރަން ސްރީލަންކަން އެއާލައިނުން ނިންމައިފިއެވެ.

މިގޮތަށް ހަމަޖައްސާފައިވަނީ ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަރާމާތު ކުރުމުގެ މަސައްކަތަށް އަންނަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުން ފެށިގެން މާޗްމަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް ވަކި ގަޑިއެއްގައި އެއާޕޯޓު ބަންދު ކުރާތީއެވެ. ލަންކާއާ ރާއްޖެއާ ދެމެދު މިހާރު ކުރަނީ ދުވާލަކު 4 ދަތުރެވެ. މިއަންނަ މަހުން ފެށިގެން ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކޮލަމްބޯއިން ފުރާ ޕަސިންޖަރުން، ފްލައިޓު ޑިޕާޗާ ވަގުތުގެ 5 ގަޑިއިރު ކުރިން ޗެކިން ވުމަށް ސްރީލަންކަން އެއާލައިނުން އިލްތިމާސްކޮށްފައިވެއެވެ.

ސްރީލަންކަން އެއަރލައިނުން މިގޮތަށް ނިންމާފައިވަނީ ފުރުމުގައި ދިމާވެދާނެ މައްސަލައަކުން ރައްކާތެރިވުމުގެ ގޮތުންނެވެ. ސްރީލަންކާގެ ޓޫރިޒަމް ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވީ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ސްރީލަންކާއަށް ދިޔަ ދިވެހިންގެ ޢަދަދު އުޅެނީ 79،000 އަށްވުރެ މަތީގައެވެ.