ދީން

ރާއްޖެ އިސްލާމްވިދުވަސް ފާހަގަކުރުން


އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ދިވެހިންނާ ހަމައަށް ފޯރާފައިވަނީ ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅެވެ. އެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ތާރީޚުން އެނގެން އޮތް ގޮތުގައި ރަސްމީގޮތުން ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ބެލެވެނީ ދިވެހިރާއްޖޭގެ އެއިރުގެ ރަދުން އިސްލާމް ދީނަށް ވެދެވަޑައިގަތް ދުވަހެވެ. މިދުވަސް ރާއްޖޭގައި އަންނަނީ ފާހަގަކުރައްވަމުންނެވެ.

ރާއްޖެ އިސްލާމްވި ދުވަހަކީ ރާއްޖޭގެ ތާރީޚް ބަދަލުކޮށްލި ދުވަހެކެވެ. މި ދުވަހަކީ ދިވެހި ކާބަފައިންގެ އުޅުމާއި ގުޅުމާއި އާދަކާދަ ބަދަލުކޮށްލެއްވި ދުވަހެކެވެ. ދިވެހިންނަށް ލިބިފައި މިވާ ތަރައްޤީއާއި ކުރިއެރުމާއި ތަހުޒީބާ މި ހަޟާރާތަކީ އިޞްލާމްދީން އައުމާ ގުޅިގެން ދިވެހި ދައުލަތަށް ލިބިގެންދިޔަ ކުރިއެރުމާ ކާމިޔާބީއެކެވެ.

ތާރީޚުގެ ފަތްފުށްތަކުން އެނގެން އޮތް ގޮތުގައި އެކި ރަސްރަސްކަލުންގެ ޒަމާނުގައިވެސް ރާއްޖެ އިޞްލާމްވި ދުވަސް އައީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. އަދި އެކި ޖުމްހޫރިއްޔަތުތަކުގައިވެސް މި ދުވަސް ކުލަގަދަކޮށް އައީ ފާހަގަކުރަމުންނެވެ. ޚާއްޞަކޮށް ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރާއްޖެ އިޞްލާމްވި ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ގިނަ ޕްރޮގްރާމްތަކެއް ވަނީ ހިންގަވާފައެވެ.

ނަމަވެސް ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަނީ އެކި ގޮތްގޮތުން ބަދަލު އައިސްފައެވެ. ޚާއްޞަ ގޮތެއްގައި ވޭތުވެދިޔަ މި ދުވަސްތަކުގައި ސިޔާސީ ގޮތުން ރާއްޖެއަށް އައިސްފައިވާ ހަލަބޮލިކަމުގެ ތެރެއިން ރާއްޖޭގެ އާދަކާދައާ ރާއްޖޭގެ ތާރީޚާއި ދިވެހިންގެ އުޅުމާއި ގުޅުމުގެ މަތިން ދިވެހިން ވަނީ ހަނދާންނެތިފައެވެ.

އެހެންކަމުން އިޞްލާމިކް މިނިސްޓްރީން އިސްނަންގަވައިގެން ރާއްޖެ އިސްލާމްވި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެއްވުމަށް މިއަހަރު ނިންމަވާފައެވެ. މިހާ ކުލަގަދަކޮށް ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމެވުމުގެ ބޭނުމަކީ ދިވެހިންގެ ވިސްނުމާއި ފިކުރު ބަދަލުވިޔަނުދީ، ދިވެހިންނަކީ މާތްވެގެންވާ އިޞްލާމްދީން ދެކެ ލޯބިވާ އަދި ދިވެހިންގެ އާދަކާދައާ ސަގާފަތްދެކެ ލޯބިވާ ބައެއްގެ ގޮތުގައި ހެދުމެވެ.

"ދިވެހިންނަކީ މާތްވެގެންވާ އިޞްލާމްދީން ދެކެ ލޯބިވާ އަދި ދިވެހިންގެ އާދަކާދައާ ޘަޤާފަތް ދެކެ ލޯބިވާ ބައެއްގެ ގޮތުގައި ހެދުމަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް އެބަގެންދަން އެބަޖެހޭ" އިސްލާމިކް މިނިސްޓަރ

މިއަދު ދިވެހި ޤައުމު ހިންގުމުގައި ތިއްބެވި ފަރާތްތަކުން އަބަދުމެ ޤައުމު ހިންގުމުގައެއް ނުތިއްބަވާނެއެވެ. އަންނަން އޮތް ޖީލެއް އެބައޮތެވެ. އެ ޖީލަށްޓަކައި ދިވެހި ތާރީޚް އޮޅުވާ ނުލާ އަންގައިދިނުމަކީ މިއަދު ދިވެހި ކޮންމެ ފަރުދެއްގެ ހައިސިއްޔަތަކުންވެސް ކުރަންޖެހޭ ކަމެކެވެ.

"މިއަދު މި މަޤާމުތަކުގައި ތިއްބެވި ވެރިންގެ ޒިންމާއެއް އަދުގެ ކިޔަވާ ކުދިންނަށް މާދަމާ މި މަޤާމުތަކަށް އެކުދިން އަންނައިރު އެކުދިންގެ ވިސްނުމުގައި ދިވެހިންނަކީ ދިވެހިންކަން ދަންނަނާނެ ގޮތަށް ޕްރޮޤްރާމްތައް ހިންގުން" އިސްލާމިކް މިނިސްޓަރ

ދިވެހިންގެ ތެރޭގައި އެކި ދުވަސްތައް ފާހަގަކުރަމުން އަންނައިރު ރާއްޖެ އިސްލާމްވި ދުވަހަކީ ފާހަގަނުކޮށް ދޫކޮށްލަންޖެހޭ ވަރުގެ ދުވަހެއް ނޫނެވެ. ދިވެހިންނަށް ޖިހާދާ ގުޅޭ މަޢުލޫމާތު އެނގިގެން ދިޔައީ ދިވެހިން އިޞްލާމްވުމަށްފަހުއެވެ. ދިވެހިންނަށް މިނިވަންކަން ލިބުނީވެސް ދިވެހިން އިސްލާމްވުމަށްފަހުއެވެ. ދިވެހިންނަށް މިނިވަންކަން ހޯދުމަށްޓަކައި ދިވެހި ކާބަފައިން ކުރެއްވި ހުރިހާ މަސައްކަތަކާއި ހަނގުރާމަތަކެއް ކުރެއްވީވެސް ދިވެހިން އިސްލާމްވުމަށްފަހުއެވެ.

"ތާރީޚް ބަލާލުމުން ފެނިވަޑައިގަންނަވާނެ އެބޭފުޅުން {ކާބަފައިން} ޖިހާދު ފެއްޓެވުމުގެ ކުރިން ނަމާދުކޮށް ދުޢާ ކުރައްވާތަން. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވާހަކަދެއްކެވިއަސް މިއީ ޙަޤީގަތަކީ." އިސްލާމިކް މިނިސްޓަރ

ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ކަމާގުޅޭ މިނިސްޓްރީތަކާއި މުއައްސަސާތަކުން ގެންދަވަނީ ގިނަ ޙަރަކާތްތަކެއް ހިންގެވުމަށް މަސައްކަތް ކުރައްވަމުންނެވެ.